Last Updated: June 16, 19:23
Tuesday, June 16, 2026
ޚަބަރު

ދިވެހި ޕްރިމިއާ ލީގު ރެކޯޑު ހަވަނަ ފަހަރަށް ނިއު ކާމިޔާބުކޮށްފި

ސެންޓޭ ގޯލަށް ފަހު އުފާ ފާޅުކުރަނީ: ފޮޓޯ - މިހާރު ނިއުސް

އެއް މެޗު ބާކީ އޮތްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން މިސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށް، ދިވެހި ފުޓުބޯޅައިގެ ތާރީޚުން އަނެއްކާވެސް ޖާގައެއް ހޯދައިފިއެވެ.

ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނިއު ކުޅުނު މެޗު 2-3 އިން ކާމިޔާބުކޮށް ލީގު ކާމިޔާބުކޮށްފައިވާއިރު މިއީ ނިއު އިން ދިވެހި ލީގު ކާމިޔާބުކުރި ރެކޯޑު ހަވަނަ ފަހަރެވެ.

މެޗުގައި ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ހަ މިނެޓު ތެެރޭ ނިއު ކުޅުންތެރިން ވަނީ ޓީސީ ގޯލު ދެފަހަރު މަތިން ފޫއަޅުވާލައި، 2 ލަނޑުގެ ލީޑެއް ނަގާފައެވެ.

ނިއުގެ ލަނޑުތައް އަލީ ފާސިރު(ސެންޓޭ) އަދި ނިއުއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ގަލާޑޯއެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ދަގަނޑޭއަށްވެސް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ދަގަނޑޭއަށް ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ބޭނުމެއް ނުހިފުނެވެ.

ނިއުގެ ދެ ލަނޑަށްފަހު ޓީސީންވެސް ވަނީ މެޗުގެ ތެރެއަށް ވަދެގަނެ، ކުޅުން ރަނގަޅުކޮށްފައެވެ. ދެޓީމުންވެސް ހަމަލާ ބަދަލުކުރަމުން ދިޔަ ނަމަވެސް މެޗުގެ 70 ވަނަ މިނެޓާއި ހަމައަށް އައީ އިތުރު ލަނޑެއް ފެނިގެން ނުގޮހެވެ. 73 ވަނަ މިނެޓުގައި ސެންޓޭ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހާފައެވެ.

ޓީސީގެ ފުރަތަމަ ގޯލު 78 ވަނަ މިނެޓުގައި ޖަހައި، އުންމީދުގެ ހުޅުކޮޅު ރޯކޮށްދިނީ އިބްރާހިމް މަހުދީ ހަސަން(ހަބޭސް އިއްބެ)އެވެ. އިއްބެގެ ގޯލާއެކު ޓީސީން އާ ބާރެއް ލާފައި ކުޅެން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން 84 ވަނަ މިނެޓުގައި ކުދު އިއްބެ ވަނީ އަނެއްކާވެސް ޓީސީއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަތީޖާ އެއްވަރުކުރުމަށް ޓީސީން ކުރި މަސައްކަތް ނިއުއިން ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ ނިއު މޮޅު ވެގެންނެވެ.

މޮޅާއެކު ނިއުއިން ލީގު ނަގާފައިވާއިރު މީގެ ކުރިން ދިވެހި ލީގު އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ނިއުއާއެކު ކުލަބު ވެލެންސިއާއެވެ. ވެލެންސިއާ ފަހަތަށް ޖައްސާލުމަށްފަހު ނިއުއިން އަނެއްކާވެސް ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ރަން އަކުރުން ލިޔެފައިވާއިރު ނިއުއަށް ލީގު އައްޑަނަ ހަވާލުކުރާނީ އަންނަ އާދީއްތަ ދުވަހު ކުޅޭ ސީޒަނުގެ ފަހު މެޗަށް ފަހުގައެވެ.

ނިއު ތަށި ކާމިޔާބުކޮށްފައިވަނީ 13 މެޗުން 37 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޓީސީއަށް ލިބިފައިވަނީ 12 މެޗުން 29 ޕޮއިންޓެވެ. ބާކީ އޮތް މެޗުން ކޮންމެ ނަތީޖާއެއް ނިކުތަސް ނިއު ފަހަތަށް ޖައްސާނުލެވޭނެއެވެ.