Last Updated: April 24, 11:29
Wednesday, April 24, 2024
ޚަބަރު

އީރާނާއި ހިޒްބުﷲއާ ގުޅޭ ގޮތުން އަރަބި ގައުމުތައް ބައްދަލުވުމަކަށް

އީރާނާއި ހިޒްބުﷲ އާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަރަބި ގަައުމުތަކުން ކުއްލި ބައްދަލުވުމެއް މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ އަރަބި ލީގުގެ ހެޑް ކުއާޓަރުގައި މިއަދު ފަށައިފިއެވެ.

ސައުދީއިން އެދިގެން ގާހިރާގައި ބާއްވާ މި މަޝްވަރާ ބައްދަލުވުންތަކުގައި ލުބުނާނު ފިޔަވައި ގިނަ އަރަބި ގައުމުތަކެއްގެ ހާރިޖީވަޒީރުންދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. ލުބުނާނުގެ ހާރިޖީވަޒީރު މި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިނުގަންނަވާނެކަން އެގައުމުގެ ހާރިޖީވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ގާހިރާގައި މިފަދަ ބައްދަލުވުމެއް ކުރިއަށްދާއިރު މެދުއިރުމަތީގެ މަސްރަހު ވަރަށްބޮޑަށް ހޫނުވެ ސައުދީ އާ އީރާނުގެ ގުޅުން މިވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ.

ސައުދީ އާ އީރާނުގެ ގުޅުން މިހާބޮޑަށް ގޯސްވެފައިމިވަނީ ޔަމަނުގެ ހޫތީންނަށް އީރާނުން އެހީތެރިވާ މައްސަލައާއި ލުބުނާނުގައި އީރާނުގެ ނުފޫޒު ގަދަވެފައިވުމުން ކަމަށް މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ދެކެއެވެ.

ސައުދީ އިން ވަނީ ޔަމަނުގެ ހޫތީންނަށް އީރާނުން ހަތިޔާރު ފޯރުކޮށްދީ އެހީތެރިވަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ. އަދި ސައުދީއަށް އަމާޒުކޮށް މިމަހު 4 ވަނަދުވަހު ހޫތީން ފޮނުވާލި މިސައިލު ހަމަލާގައި އީރާނާއި ހިޒްބުﷲގެ ދައުރެއް އޮތްކަމަށް ސައުދީއިން ދަނީ ބުނަމުންނެވެ. މިގޮތުން ސައުދީއަށް އަމާޒުކޮށް ފޮނުވާލި މިސައިލަކީ އިރާނުން ހޫތީންނަށް ސަޕްލައި ކޮށްދީފައިވާ އެއްޗެއްކަމަށް ސައުދީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ލުބުނާނުގެ ބޮޑުވަޒީރު ސާދް އަލް ހަރީރީ ވަނީ އީރާނުން ލުބުނާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް ވަރަށްބޮޑަށް އީރާނަށާއި ހިޒްބުﷲ އަށް ފާޑުވިދާޅުވުމަށްފަހު މިމަހު 4 ވަނަދުވަހު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ގާހިރާގައި ސައުދީއާއި ސައުދީއަށް ވާގިވެރިވާ އަރަބި ގައުމުތަކުގެ ހާރިޖީވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އީރާނުން އަރަބި ދުނިޔޭގެ ސުލްހަ ނަގަމުންދާކަމަށްބުނެ ބުނެ ސައުދިއިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ. މީގެ އިތުރުން އީރާނާއި ހިޒްބުﷲ ގެ ބާރު މެދުއިރުމަތީގައި ކުޑަކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އަރަބި ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރާނެކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އީރާނާއި އީރާނަށް ތާއިދުކުރާ ހަނގުރާމަވެރި ޖަމާއަތްތައް ވަނީ ވަރަށްބޮޑަށް ބާރުވެރިވެފައެވެ. އަދި ސައުދީ އިން އީރާނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި މިހާތަނަށް އެއްވެސް ކާމިޔާބެއް ލިބިފައިނުވެއެވެ.