Last Updated: June 28, 23:21
Sunday, June 28, 2026
މުނިފޫހިފިލުވުން

"ދި އިންކްރެޑިބަލްސް 2" ގެ ޓީޒާ ލޯބި

13 އަހަރަށްފަހު "ދި އިންކްރެޑިބަލްސް" ގެ ދެވަނަ ބައިގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ފުރަތަމަ ފިލްމްގެ ކާމިޔާބަށްފަހު ބެލުންތެރިން ދެވަނަ ފިލްމަކަށް ކުރަމުން އައި އިންތިޒާރު މިހާރު ވަނީ ނިނުމަކަށް އައިސްފައެވެ. ފިލްމްގެ ޓީޒާ ޓްރެއިލާއިން މާބޮޑު އެއްޗެއް ހާމަވެގެން ނުދެއެވެ. ޓްރެއިލާއިން ފެންނަނީ މިސްޓަރ އިންކްރެޑިބަލްސް ގެ ދަރިފުޅު ޖެކް-ޖެކް އެވެ.

ފުރަތަމަ ފިލްމްގައި ޤަބޫލްކުރެވުނު ގޮތުގައި އާއިލާގެ އެހެނިހެން މެމްބަރުންނާއި ޚިލާފަށް ޖެކް-ޖެކް އަށް އެއްވެސް ސުޕާޕަވާއެއް ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ރިލީޒް ކޮށްފައިވާ ޓްރެއިލާއިން ފެންނަ ގޮތުގައި ބޭބީ ޖެކް-ޖެކް އަށްވެސް އާދަޔާއި ޚިލާފު ބާރުތަކެއް ލިބިފައިވެއެވެ.

ޑިޒްނީ އާއި ޕިކްސާރް އިން "ދި އިންކްރެޑިބަލްސް 2" އުފެއްދުމަށް ނިންމާފައިވާކަން ހާމަކޮށްފައި ވަނީ 2014 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މި ފިލްމް ނެރުމަށް ހަމަޖެއްސީ 2019 ވަނަ އަހަރު އެވެ. އެހެންނަމަވެސް "ޓޯއި ސްޓޯރީ 4" 2019 ގައި ރިލީޒް ކުރުމަށް ނިންމި ނިންމުމާއެކު މިހާރު "ދި އިންކްރެޑިބަލްސް 2" ރިލީޒް ކުރުމަށް ހަމަޖައްސާފައި ވަނީ 15 ޖޫން 2018 ގައެވެ.

މި ފިލްމް އުފެއްދުމަށް ނިންމާފައި ވަނީ ބެލުންތެރިންގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުންނެވެ. މި ފިލްމަށް އަޑުއަޅައި ދޭނީ ފުރަތަމަ ފިލްމްގައި ވެސް ކެރެކްޓާތަކަށް އަޑުއަޅައިދިން ފަންނާނުންނެވެ. އެގޮތުން މިސްޓަރ އިންކްރެޑިބަލްސް އަށް އަޑުއަޅާނީ ކްރެއިގް ޓީ. ނެލްސަން އެވެ. އަދި އިލާސްޓިގާލް އަށް ހޮލީ ހަންޓާ އަޑުއަޅައިދޭއިރު، ފްރޯޒޯން އަށް އަޑުއަޅާނީ ސެމުއެލް އެލް. ޖެކްސަން އެވެ.

މީގެ އިތުރުން އިލާސްޓިގާލް އާއި އިންކްރެޑިބަލްސްގެ އަންހެން ދަރިފުޅު ވައިލެޓް އަށް އަޑުއަޅައިދޭނީ ސޭރާ ވަވެލް އެވެ.