އަންނަ މަހު އެކެއްގައި ރިލީޒް ކުރަން ނިންމާފައި އޮތް ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމަވަތީ" ރިލީޒް ކުރާ ތާރީޚް ފަސްކޮށްފި ކަމަށް އެ ފިލްމް އުފައްދާ ވަޔަކޮމް 18 އިން ބުނެފި އެވެ.
މި ފިލްމަކީ ރާޖްޕޫތުގެ ރާނީ ޕަދްމަވަތީގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އަދި މި ފިލްމްގައި ހަޤީގަތާއި ޚިލާފު ބައެއް ވާހަކަތައް ހިމެނޭ ކަމަށް ބުނެ ފިލްމް ރިލީޒް ކުރުމާމެދު ރާޖަސްތާނުގެ ގްރޫޕަކުން ވަނީ ދެކޮޅު ހަދާފައެވެ.
ފިލްމް ރިލީޒްކޮށްފި ނަމަ ސިނެމާތަކުގައި އަލިފާން ރޯކުރާނެ ކަމުގެ އިންޒާރުތައް ވެސް މި ފިލްމަށް ވަނީ ލިބިފައެވެ.
އެގޮތުން އެންމެ ފަހުން މި ފިލްމް އެޅުވުމުގެ ހުއްދަ ހޯދުމަށްޓަކައި އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އަށް ފޮނުވުމުން، އެ ބޯޑުން ވަނީ އެޕްލިކޭޝަން ފުރިހަމަ ނޫންކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލާފައެވެ.
އެހެންކަމުން މިހާރު މި ފިލްމް ރިލީޒްކުރާ ތާރީޚް ވަނީ ފަސްކުރެވިފައެވެ.
ކުރިން "ޕަދްމަވަތީ" ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ 1 ޑިސެމްބަރުގަ އެވެ. އެހެން ނަމަވެސް އެ ތާރީޚް ބާތިލްކޮށް، ދެން ފިލްމް ރިލީޒް ކުރާނެ އާ ތާރީޚެއް ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށް ފިލްމްގެ ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ.