Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

"ކެމްޕޭންގެ ތެރެއިން ޔާމީން ގައުމު ދޫކުރައްވައި ފިއްލަވާނެ"

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާ ދުވަސްވަރު ރައީސް އަބްދުﷲ ޔާމީން ޤައުމު ދޫކުރައްވައި ފިއްލަވާނެ ކަމަށް ބެލެވޭ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ، 2018ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާ ދުވަސްވަރުވެސް ރައީސް ޔާމީން ރާއްޖޭގައި ހުންނަވާނެކަމަށް ނުބެލެވޭކަމަށެވެ.

ރިޔާޒު ވިދާޅުވީ، އިހަކަށްރޭ ބޭއްވި ޖަލްސާ އެއް ގައި ރައީސް ޔާމީން މިގައުމު ދޫކުރައްވާ ފިއްލަވައިގެން އެހެން ގައުމެއްގައި ނޫޅުއްވާނެކަމަށް ވިދާޅުވުމަކީ އެކަން ކުރައްވާނެކަމުގެ އިޝާރާތެއްކަމަށް ބެލެވޭކަމަށެވެ.

ފަހަކަށް އައިސް ރިޔާޒުގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދަވަނީ، ރައީސް ޔާމީން ޤައުމު ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، ރައީސް ޔާމީންގެ އަނިޔާވެރިކަމާއި، ޚުދުމުޚުތާރުކަން ރައްޔިތުންނަށް ފެނިއްޖެކަމަށާ އިތުރު ދައުރެއް ރައީސް ޔާމީނަށް ލިބިއްޖެނަަމަ މިހާރަށްވުރެވެސް ނުބައިކަން އެމަނިކުފާނު ދައްކަވާނެކަމަށެވެ.