Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޚަރަދު ނުކުރާ ދާއިރާތަކުން ޓެކްސް ނަގައިގެން ނުވާނެ: ޝިދާތާ

ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ މެންބަރުންގެ ދާއިރާތަކަށް ދައުލަތުން ޚަރަދުކުރުން ހުއްޓާލާ ނަމަ އެ ދާއިރާތަކުގެ ރައްޔިތުން އަތުން ޓެކްސް ނެގުން ވެސް ހުއްޓާލަން ވާނެ ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވެފައި ވަނީ، ބަޖެޓަށް ވޯޓު ނުދެއްވާ މެންބަރުންގެ ދާއިރާތަކުގައި މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ޝިދާތާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެއްވާ ވޯޓަށް ނުފޫޒު ފޯރުވަން ވަޒީރުން ދައްކަވާ ހޮޅި ވާހަކަތައް ތަހުގީގްކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އަދި މީގެ އިތުރުން ޤާނޫނު އަސާސީގައި ބުނެފައިވާ އުސޫލުތަކާއި ޚިލާފަށް ފާސްކުރާ ބަޖެޓަކީ ޣައިރު ޤާނޫނީ ނަހަލާލު ބަޖެޓަކަށް ވާނެ ކަން ވެސް ޝިދާތާ ވަނީ ފާހަގަކުރައްވާފައެވެ.


ބަޖެޓަށް ވޯޓު ނުދެއްވާ މެންބަރުންގެ ދާއިރާތަކުގައި މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުމާއި ގުޅިގެން ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތައް އެބޭފުޅާ އަށް ވަނީ އަމާޒުވެފައެވެ.