ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ދިވެހިންނާއި ހަމައަށް ގެނެސްދެއްވި މެނިފެސްޓޯގައި ކޮންމެ އަތޮޅަކަށް "ހުޅުމާލެއެއް" ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދު ހަނދާން ހުރީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންގެތޯ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ސުވާލު އުފައްދަވައިފިއެވެ.
އަލީ ރޭ ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީންގެ މެނިފެސްޓޯގެ ފޮޓޯއެއް ޝާއިއު ކުރައްވައި އެންމެހާ ދިވެހިންނަށް މި ސުވާލު އަމާޒުކޮށްފައިވަނީ ހުރިހާ އެންމެން މާލެއަށް "ހިޖުރަ" ކުރުމަށް ރައީސް ޔާމީން ގޮވާލެއްވުމާއި ގުޅިގެންނެވެ.
މިހާރުވެސް މާލޭގޭ އާބާދީ އިތުރުވެފައިވާއިރު ރާއްޖޭގައި ދެން ތިބި ރައްޔިތުންވެސް މާލެ އައުމަށް ރައީސުލްޖުމުހޫރިއްޔާ ގޮވާލުމުން އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.
Konme atholhakah Hulhumale' eh kamah bune 2013 gai RY vee vauduge mathin handhaan huree kithah dhivehinbaa? pic.twitter.com/n1CZ6QAXXL
— Ali Hussain (@AleeVoice) November 19, 2017
އަލީ ހުސެއިން ޓުވިޓާގައި ބުނެފައިވަނީ ރައްޔިތުން ބޭނުންވަނީ ކުލީގެ ގޮތުގައި މުސާރައިގެ 85 އިންސައްތަ ހޭދަކުރުމަށް ނޫން ކަމަށާއި، ފުދުންތެރި ދިރިއުޅުމެއް އަމިއްލަ ރަށުގައި ދިރިއުޅުމަށް ކަމަށެވެ.
ކުދި ރަށްތަކާއި އަތޮޅުތެރެ ތަރައްގީ ކުރުމަށް ސަރުކާރުން ވެފައިވާ ކޮންމެ އަތޮޅެއްގައި "ހުޅުމާލެއެއް" ވައުދުގެ މަތިން ރައްޔިތުން އަންނަނީ ސަރުކާރަށް ހަނދާންކޮށްދޭން ފަށާފައެވެ.
ރައީސް ޔާމީންގެ ވެރިކަމަށް ހަތަރު އަހަރު ފުރި، ފަހު އަހަރު ފެށިފައިވާއިރު ގިނަ ބަޔަކު އަންނަނީ މީގެ ހަތަރު އަހަރު ކުރިން އެމަނިކުފާނު ވެފައިވާ ވައުދުތައް ހަނދުމަ ނެތިފައިވާ ކަމަށް ބުނަމުންނެވެ.