Last Updated: June 16, 19:23
Tuesday, June 16, 2026
ޚަބަރު

މުރަކަތަކާއި ފަރުތައް ހަލާކު ނުކުރޭ: މައުމޫން

މުރަކަތަކާއި ފަރުތަކަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ގުދުރަތީ ނިއުމަތެއް ކަމަށާއި އެ ނިއުމަތް ހަލާކުނުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައިފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މުރަކަތައް ނެތިކޮށްލުމަށްފަހު ގެނެވެނީ ތަރައްގީއެއް ނޫން ކަމަށާއި އެއީ އަލިފާނާއި ކުޅުން ކަމަށެވެ.

މުރަކަތަކަކީ ގުދުރަތީ ގޮތުން ލިބޭ ގެއްލުންތަކުން ރަށްތައް ސަލާމަތްކޮށްދޭ ފައުޖެއް ކަމަށްވެސް މައުމޫން ވިދާޅުވެ، މުރަކަތައް ހިމާޔަތް ކުރުމަށް މިއަދު ގޮވާލާފައިވެއެވެ.

ދިވެހި ރާއްޖެއަކީ ގުދުރަތީ ގޮތުން މިފަދަ ވަރަށް ބޮޑު މުއްސަނދި ކަމެއް ލިބިފައި އޮންނަ ގައުމެކެވެ. ކަނޑުގެ ބިޔަ ރާޅުތަކުންނާއި އުދަ އެރުމުން ރަށްތައް ސަލާމަތްކޮށްދޭ ޑިފެންސް ފޯހަކީ ފަރުތަކެވެ. ފަރުތަކުގެ ދިރުމަކީ މުރަކަތަކެވެ. އެހެންކަމުން ފަރު ގޮއްވުމާއި މުރަކަތައް ހަލާކުނުކުރުމަށް ތިމާވެށީގެ މާހިރުން އަބަދުވެސް ބުނަމުންދެއެވެ.

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އެރަށު ކުޅި ހިއްކުމަށް ސަރުކާރުން ނިންމުމުން، އޭގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ވާހަކަ ބަޔާންކޮށް އެތައް ބަޔަކު ވަނީ އަޑުއުފުލާފައެވެ. ނަމަވެސް ސަރުކާރުން ވަނީ ކުޅި ހިއްކުމުގެ މަސައްކަތް ފަށާފައެވެ.

އައްޑޫ ސިޓީގެ މީދޫ ނެރު ކެނޑުމަށް ފަރު ގޮއްވުމާ ދެކޮޅަށްވެސް އެތައް ބަޔަކު ތެދުވެ އަޑު އުފުލާފައިވަނިކޮށް މިސަރުކާރުން ވަނީ އެކަންވެސް ކޮށްފައެވެ. ސަރުކާރުން އޭރު ބުނެފައިވަނީ އެކަން ކޮށްފައިވަނީ އެނޫން އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ.