Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ކޮއްކޯފުޅު ޖަލުގައި، ސަރުކާރަށް ޚިދުމަތް ކުރަން ފަޚުރެވެރި!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރިގެންދިޔައިރު، ރައީސް އަބްދުﷲ ޔާމީނަށާއި ގައުމަށް ހިދުމަތް ކުރެވުމަކީ ލިބުނު ފަޚުރެއް ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ޚިދުމަތް ކުރެއްވުމަކީ ފަޚުރެއް ކަމުގައި ދުންޔާ ވިދާޅުވެފައި ވާއިރު، ދުންޔާގެ ކޮއްކޯފުޅު ފާރިސް މައުމޫން ބަންދުކޮށްފައި ހުންނަތާ 126 ދުވަސް ވަނީ ވެފައެވެ.

ފާރިސް ހައްޔަރުކޮށްފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ރައީސް މައުމޫނުގެ އިތުރުން ޔުމްނާ މައުމޫން ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ.

ދުންޔާގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުންނާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން ވޭތުވެ ދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތާ މެދު ފަޙުރުވެރިވާ ކަމަށެވެ.

ދުންޔާ ވިދާޅުވީ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވިއިރު ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށާއި ނަމަވެސް އެއިން ކޮންމެ ގޮންޖެހުމަކަށް ވެސް މަސައްކަތް ކުރެއްވީ ކެރިގެން ކަަމަށެވެ. އަދި ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރެއްވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވުމަށް ކަމަށެވެ.

ދުންޔާ ސަރުކާރާ އެކު މަސައްކަތް ކުރައްވަމުންގެންދަވާއިރު ރިސް ހައްޔަރުކުރި މައްސަލައިގައި ދުންޔާ އާއި ޣައްސާން މައުމޫން ސީދާގޮތެއްގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ޣައްސާން އަދިވެސް ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ.