ފ. އަތޮޅު ތަރައްގީ ކުރުމުގެ "ބޮޑު ބިޔަ" މަޝްރޫއު ހުއްޓުނީ އިދިކޮޅު ފަރާތްތަކާ ހެދި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ރައްދު ދެއްވައިފިއެވެ.
އަމީތު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފ. އަތޮޅު މަޝްރޫއު ހުއްޓުނީ 5 މިލިއަން ޑޮލަރުގެ ބޮޑު ޚިޔާނާތުގެ ސަބަބުން ކަމަށާއި ސައުދީން ފަސް މިލިއަން ޑޮލަރަށް ވީގޮތް އޮޅުންފިލުވަން ބޭނުންވި ކަމަށެވެ.
ނަމަވެސް ރައީސް ޔާމީނަށް އޭގެ ތަފްސީލެއް ނުދެވި އެކަން އެނގޭނީ އަދީބަށް ކަމަށް ވިދާޅުވުމުން ސައުދީން އަދީބާއި ބައްދަލުކުރުމަށްވެސް އެދުނު ކަމަށް އަމީތު ބުނެފައިވެއެވެ. ސަރުކާރަށް އަދީބާއި ސައުދީ އަމީރާއި ބައްދަލުކޮށްނުދިން ކަމަށާއި ފަހުން އޭސީސީން ވަނީ އެ ފަސް މިލިއަން ޑޮލަރުގެ ފަހަތުގައި ރައީސް ޔާމީން ވާކަން ފަޅާއަރުވާލާފައި ކަމަށް އަމީތުގެ ޓުވީޓުގައި ބުނެފައިވެއެވެ.
ފ. އަތޮޅު މަޝްރޫއު ހުޅުވައިދިނުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ އައުމަށްވެސް ހަމަޖެހުނެވެ. ނަމަވެސް އެދަނޑިވަޅުގައި ރާއްޖޭގައި އެޗްވަންއެންވަން ވައިރަސް ފެތުރި ރަސްގެފާނުގެ ދަތުރުފުޅު ވަނީ ކެންސަލްކޮށްފައެވެ.