Last Updated: June 16, 19:23
Tuesday, June 16, 2026
ޚަބަރު

ދަރަނި ބޮޑުވެ ރިޒާވަށް ބަރޯސާވާން ޖެހިދާނެ: އެމްއެމްއޭ

އަންނަ އަހަރު ނިމޭއިރު ބޭރުގެ ދަރަނި 11 ބިލިއަން ޑޮލަރަށް އަރާފާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ލަފާކޮށްފިއެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ލިޔުމުން މިފަހަރު އެމްއެމްއޭ އާއި އޭޖީގެ ލަފާ ހޯދާފައިވާއިރު އެމްއެމްއޭ އިން ފޮނުވި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރު ނިމުނުއިރު ބޭރުގެ ދަރަނި 760.4 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

އަދި މިއަހަރު ނިމޭއިރު އެ އަދަދު 11 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެއެވެ. މީގެ ސަބަބުން ދައުލަތުގެ ދަރަނި 1.4 ބިލިއަން ޑޮލަރަށް އިތުރުވެ، ރަސްމީ ރިޒާވު ބޭނުން ކުރަން މަޖުބޫރުވާނެ ކަމަށް މަރުކަޒީ ބޭންކުން ލަފާކޮށްފައިވެއެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ މިދިޔަ އަހަރުގެ ބަޖެޓުގެ ޑެފެސިޓުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ސަރުކާރުން އަންދާޒާ ކުރި ކަމަށާއި ނަމަވެސް ޚަރަދުތައް އިތުރުވެ އެއަދަދު 67 ބިލިއަން ރުފިޔާއަށް މަތިވެފައިވާ ކަމަށެވެ. ޑެފެސިޓް އިތުރުވި ސަބަބު ދަނެނުގަނެ އެކަން ހައްލު ނުވެއްޖެނަމަ މިއަހަރާއި އަންނަ އަހަރަށް ލަފާކުރި ބަޖެޓު ޑެފެސިޓު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްއޭ ރިޕޯޓުގައި ބުނެފައިވެއެވެ.

ބަޖެޓު ޑެފެސިޓު ފޫބެއްދުމަށް ކުރާ މަސައްކަތުގެ ތެރޭގައި ބޮންޑާއި ޓްރެޝަރީ ބިލާއި ލޯނުތައް ހޯދަން ފަށާފައިވިނަމަވެސް އޭގެ ބޮޑު ބައި ހިއްސާ ކުރަނީ ވިޔަފާރި ބޭންކުތަކުންނެވެ.

ބެންކުތަކުން ޓްރެޝަރީ ބިލަށް އިންވެސްޓުކުރި އަދަދު 2.3 ބިލިއަނަށް ދަށްވެ، ޓްރެޝަރީ ބިލާއި ލޯނުތަކުން ޑެފެސިޓް ފޫބެއްދުމަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެދާނެ ކަމަށްވެސް އެމްއެމްއޭ އިން ލަފާކުރެއެވެ.

އަންނަ އަހަރަށް ލަފާކޮށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ބަޖެޓުން ޚަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ. ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވެފައިވަނީ ބަޖެޓުގައި ނެތް ރަށްތަކުގައިވެސް އެއާޕޯޓު އެޅުމަށް ނިންމާފައިވާ ކަމަށެވެ.