ސޯޝަލް މީޑިޔާ އެކްޓިވިސްޓް، ތޮއްޔިބު ޝަހީމަށް މައުލޫމާތު ދޭ މީހުން ދަނެގަތުމަށް ކޯޓު އަމުރެއް ނެރެ، އޭނާގެ ފޯނާއި ލެޕްޓޮޕް ގެންދިއުމަށް ފުލުހުންނަށް އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފު ސޮއި ކުރައްވައި މިދިޔަ ހޮނިހިރު ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ ތޮއްޔިބު އޭނާގެ ޓުވިޓާ އެކައުންޓުން ކުރާ ޓުވީޓުތަކުގައި ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކަރަޕްޝަން ކޮމީޝަނުގެ ރައީސް، ހަސަން ލުތުފީއާއި ސަރުކާރުގެ އެކި ފަރާތްތަކާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ލިޔެ، އޭނާއަށް އެ މައުލޫމާތު ދޭ މީހަކު ހޯދައި ދަނެގަންނަން ބޭނުންވާ ކަމަށެވެ.
އަމުރު ނެރޭތާ 72 ގަޑިއިރު ތެރޭ ތޮއްޔިބުގެ ފޯނާއި ލެޕްޓޮޕް އަދި އޭނާ ގެންގުޅޭ މެމޮރީ ކާޑުތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ބާރު ދީފައިވެއެވެ. މިތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓު އަމުރުގައި ފުލުހުންނަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ދީފައެވެ.
ތޮއްޔިބަކީ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މައުލޫމާތު ފެތުރިކަމުގެ ތުހުމަތުގައި މިދިޔަ މާޗު މަހު ހައްޔަރުކޮށްފައިވާ މީހެކެވެ. ނަމަވެސް ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.