ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދްމާވަތީ" އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ރިލީޒްކުރުން މަނާކޮށްފި އެވެ.
އެގޮތުން ރާޖްޕުތް ކޮމިއުނިޓީ އިން ވަނީ މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ކަމުގައިވާ ޝިވްރާޖް ސިންގް ޗޯހަން އަށް "ޕަދްމާވަތީ" މަނާކުރުމަށް އެދި ހުށަހަޅާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސީއެމް ޝިވްރާޖް ވަނީ އެ ސްޓޭޓްގައި ބަންސާލީގެ ފިލްމް ރިލީޒްކުރުމަށް ހުއްދަ ނުދޭނެ ކަމަށް ބުނެފައެވެ.
އާދިއްތަ ދުވަހު ފިލްމްގެ ޕްރޮޑިއުސަރުން ވަނީ ފިލްމް ރިލީޒްކުރުން ފަސްކޮށްފައިވާކަން ހާމަކޮށްފަ އެވެ. ކުރިން އެ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ 1 ޑިސެމްބަރުގަ އެވެ. އެހެންނަމަވެސް މިހާރު އެ ތާރީޚް ވަނީ ކެންސަލް ކޮށްފައެވެ. ފިލްމް ރިލީޒް ކުރާނެ އާ ތާރީޚެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް ފިލްމްގެ ޕްރޮޑިއުސަރުން ބުނެއެވެ.
މީގެ އިތުރުން ސެންސަރު ބޯޑުން ސެޓްފިކެޓް ހޯދުމުގެ ކުރިން އެ ފިލްމް އެކިއެކި މީޑިއާ ޗެނަލްތަކުގައި ސްކްރީން ކުރުމުގެ ހުއްދަ ދިން ކަމަށްޓަކައި ސެންސަރު ބޯޑްގެ ޗީފް ޕްރަސޫން ޖޯޝީގެ ފާޑުކިޔުންތައް ވެސް ވަނީ ފިލްމްގެ ޕްރޮޑިއުސަރުންނަށް އަމާޒްވެފައެވެ.