Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ޣައްޒާގެ ރަފާ ބޯޑަރު މިސްރުން ވަގުތީ ގޮތުން ހުޅުވާލައިފި

ޣައްޒާގެ ރަފާ ބޯޑަރު މިސްރުން ވަގުތީގޮތުން ހުޅުވާލައިފިއެވެ.

މިމަހު 18 ވަނަ ދުވަހު ރަފާ ބޯޑަރު ހުޅުވާލާފައިވާއިރު ފުރަތަމަ ހުޅުވާލީ 03 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ފަހުން އެމުއްދަތު ވަނީ އިތުރު 2 ދުވަހަށް އިތުރުކޮށްފައެވެ.

މިއީ މިސްރުން އިސްނަގައިގެން ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތާ ދެމެދު އެކުލަވާލެވުނު އެއްބައިވަންތަ ކަމުގެ އެގްރީމެންޓްގެ ފަހުން ބޯޑަރު ހުޅުވާލެވުނު ފުރަތަމަ ފަހަރެވެ.
ހަމާސް އާއި ފަތަހަ ޖަމާއަތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ރަފާ ބޯޑަރުގެ ކޮންޓްރޯލް ހަމާސް އިންވަނީ 2007 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ފަލަސްތީނުގެ ސަރުކާރަށް ދޫކޮށްލާފައެވެ.

ރަފާ ބޯޑަރަކީ މިސްރާއި ޣައްޒާ ބޭރު ދުނިޔެއަށް ހުޅުވާލުމަށް މުހިންމު ސަރަހައްދެކެވެ. މި ސަރަހައްދު މިސްރުން ބަންދުކޮށްފައި އޮންނަތާ އަހަރުތަކެއް ވެފައިވީ ނަމަވެސް މިއަހަރުތެރޭގައި ޖުމުލަ 14 ދުވަހަށް ބޯޑަރު ހުޅުވާލާފައިވެއެވެ.

އިސްރާއީލާއި މިސްރުން ޣައްޒާ ބަންދުކޮށްފައި ވުމުން ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އެހެނިގޮތްގޮތުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެެވެ. މި ގައުމުތަކުން ޣައްޒާ ބަންދުކޮށްފައިވަނީ ހަމާސް އެކަހެރިކުރުމަށް ކަމަށްބުނެއެވެ.

ޣައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ އެއް ސަރަހައްދެވެ. އަދި ޣައްޒާއަށް ވަދެވޭނެ އެއްވެސް ގޮތެއް ނެތުމުން ބައެއް ފަރާތްތަކުން ޣައްޒާ ސިފަކޮށްފައިވަނީ ޖަލެއްގެ ގޮތުގައެވެ.

ވޯލްޑް ބޭންކުން ހާމަކޮށްފައިވާގޮތުން ޣައްޒާގެ ސާޅީސް ދެ އިންސައްތަ މީހުންދަނީ ބަނޑަށްޖެހި ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ. އަދި ޣައްޒާގައި ވަޒީފާނެތް މީހުންގެ ނިސްބަތް ފަންސާސް އަށް އިންސައްތައިގަ އުޅޭއިރު އަށްޑިހަ އިންސައްތަ މީހުން ދިރިއުޅެނީ ބައިނަލް އަޤްވާމީ ފަރާތްތަކުން ފޯރުކޮށްދޭ އެހީއަށް ބަރޯސާވެގެންނެވެ.