Last Updated: June 16, 18:00
Tuesday, June 16, 2026
ޚަބަރު

ބަޖެޓަކީ ނަމެއް، އަމަލެއް ނެތް: އިންތި

މިއަހަރުގެ ބަޖެޓެކޭ އެއްފަދައިން އަންނަ އަހަރަށް ސަރުކާރުން ހުށައެޅި ބަޖެޓަކީވެސް އެއްވެސް ތަސައްވަރެއް ނެތި ހުށައަޅާފައިވާ ބަޖެޓެއް ކަމަށާއި ސަރުކާރުން ބަޖެޓު ހުށައަޅަނީ ނަމެއްގައި ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފާޑުވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އިންތި ވިދާޅުވެފައިވަނީ ސަރުކާރުން އެކުލަވާލާ ބަޖެޓަށް އަމަލުކުރާ ތަނެއް ނުފެންނަ ކަމަށެވެ.

އިންތި ވިދާޅުވެފައިވަނީ މިސަރުކާރުގެ ވަޒީރުންގެ ތެރޭގައިވެސް އެއްވެސް ތަސައްވަރެއް ނުފެންނަ ކަމަށެވެ. ސަރުކާރުން މިކަންކަން ކުރަނީ ހަމައެއް ލަމައެއް ނެތި ކަމަށާއި ފިޝަރީޒް މިނިސްޓަރުވެސް ކުއްލިއަކަށް ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވަފާނެ ކަމަށް ބުނެ އޭނާ ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ ވޭތުވެދިޔަ ހަތަރު އަހަރުގައިވެސް ސަރުކާރުން ބޭނުން ގޮތަކަށް ބަޖެޓު ކަނޑައަޅައި، ފާސްކޮށްފައިވާ ކަމަށާއި ކަނޑައެޅިވަރާއި ގާތަށްވެސް އާމްދަނީއެއް ލިބިފައިނުވާ ކަމަށެވެ.

މިދިޔަ މަހު ހުށައެޅުނު ސަޕްލެމެންޓްރީ ބަޖެޓެކޭ އެއްފަދައިން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބޮއިކޮޓުކޮށްފައެވެ. ބަޖެޓަށް ވޯޓު ނުދޭ މެމްބަރުން ތަމްސީލު ކުރާ ދާއިރާތަކަށް ޕްރޮޖެކްޓު ހިންގުމަށް ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވުމަށްފަހު ފަހުން އެކަން އެގޮތަށް ނުކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.