Last Updated: June 16, 18:00
Tuesday, June 16, 2026
ޚަބަރު

މައުމޫންގެ ބޭފުޅުން ދެ މިލިއަން ދައްކަން ހުކުމްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ހަތަރު ބޭފުޅުން، ޔުމްނާ މައުމޫން، ދުންޔާ މައުމޫން، ފާރިސް މައުމޫން އަދި ޣައްސާން މައުމޫން ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ ނަމަކަށް ކިޔާ ކުންފުންޏަކަށް ދެމިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ(އާރުސީސީ) އަށް 2.1 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައިވަނީ ހަތަރު ބޭފުޅުންގެ ނަމުގައި އޮތް ބިމެއްގައި 7 ބުރީގެ އިމާރާތެއް ކުރުމަށްފަހު ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ކޯޓަށް ހުށައެޅި މައްސަލައެއް ބެލުމަށްފަހުގައެވެ.

އެނގިފައިވާ ގޮތުގައި އާރުސީސީއަކީ ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް ނާޒިމްގެ އާއިލީ ކުންފުންޏެކެވެ. ކުންފުނީގެ ވަކީލުން ހުށައެޅި ހެކިތަކުން ހަތަރު ބޭފުޅުން ދައްކަން ޖެހޭ ފައިސާކަމަށް ކޯޓަށް ސާބިތުވެފައިވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ނަމަވެސް ހަތަރު ބޭފުޅުންގެ ވަކީލުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ކޯޓުގައި މައުމޫންގެ ބޭފުޅުންގެ ވަކީލުން ވަނީ އާރުސީސީން އިމާރާތްކުރި އިމާރާތުގެ ފެންވަރު ދަށްވުމުގެ ސަބަބުން 2.1 މިލިއަން ރުފިޔާ ޚަރަދުކުރުމަށްފަހު އަލުން އިމާރާތް ކުރަން ޖެހުނު ކަމަށާއި އޭގެ ސަބަބުން 2.1 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށެވެ.

ނަމަވެސް ގާޒީ ވަނީ ފައިސާ ނުދީ ހިފަހައްޓަން ޖެހޭ އުޒުރެއް ނުފެންނަ ކަމަށްބުނެ 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްކުރުމަށް ހުކުމްކޮށްފައެވެ.