Last Updated: June 16, 18:00
Tuesday, June 16, 2026
ޚަބަރު

އަންނަ އަހަރު ސަރުކާރަށް އޮތް ގޮތަކީ ފައިސާ ޗާޕު ކުރުން: މަވޯޓާ

އަންނަ އަހަރަށް ލަފާކުރި ބަޖެޓު ތަންފީޒުކުރުމަށް މިސަރުކާރަށް އޮތް ހަމައެކަނި ގޮތަކީ ފައިސާ ޗާޕުކުރުން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވެފައިވަނީ ޓެކްސްގެ ގާނޫނުތަކަށް ބަދަލުގެނެސްގެން ފައިސާ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް ފޭލުވާނެ ކަމަށާއި ގާނޫނުތަކަށް ބަދަލުނުގެނެވޭނެ ކަމަށެވެ.

ގާނޫނު އަސާސީގައި ރައްޔިތުންގެ މައްޗަށް އަމަލުކުރުން ލާޒިމު ކުރާ އެއްވެސް ކަމެއް މަޖިލީހުގައި ފާސްކުރުމަށް ވޯޓަށް ހުށައެޅޭނީ މަޖިލީހުގެ ޖުމުލަ އަދަދުގެ ދެބައިކުޅަ އެއްބައި ހާޒިރުވުމުންނެވެ. މިހާރުގެ މަޖިލީހުގެ ޖުމުލަ އަދަދަށް ބަލާއިރު އެއީ 43 މެމްބަރުންނެވެ.

އެހެންކަމުން އެފަދަ ބިލެއް ފާސްކުރާނަމަ އިދިކޮޅު މެމްބަރުންވެސް މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ ތިބެން ޖެހޭނެއެވެ. އަންނަ އަހަރަށް ހުށައެޅި ބަޖެޓާއި މިދިޔަ މަހު ހުށައެޅުނު ސަޕްލެމެންޓްރީ ބަޖެޓުވެސް އިދިކޮޅު ގިނަ މެމްބަރުން ވަނީ ބޮއިކޮޓުކޮށްފައެވެ.

ޝަރީފް ވަނީ ސަރުކާރުގެ ހުރިހާ ނިންމުންތަކެއްވެސް ބިނާކުރަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގަދަބާރާއި، ޚުދުމުހުތާރުކަން ދެއްކުމަށްފަހުގައި ކަމަށެވެ. ނަމަވެސް ޓެކްސްގެ ގާނޫނަށް ބަދަލުގެނައުމަށް އިދިކޮޅު މެމްބަރުން ފުރުސަތެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.