ސޯޝަލް މީޑިޔާ އެކްޓިވިސްޓު، ތޮއްޔިބު ޝަހީމަށް ދިވެހި ފުލުހުން ތަކުރާރުކޮށް ފުރައްސާރަ ކުރަމުންދާ ކަމަށާއި އެކަން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަބްދުﷲ ޔާމީނާއި އޭސީސީގެ ރައީސް ހަސަން ލުތުފީއާއި ސަރުކާރުގެ އިސްވެރިންނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާކަމަށްބުނެ ގާނޫނާއި ޚިލާފު ތުހުމަތުކޮށް ތޮއްޔިބަށް ފުރައްސާރަކުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި އެކަން ހުއްޓާލުމަށްފަހު ގައުމަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި ނުރައްކާތަކުން މުޖުތަމައު ސަލާމަތް ކުރުމަށް އިސްކަންދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެމްޑީޕީގެ ފަރާތުން ވަނީ ގޮވާލާފައެވެ.
ތޮއްޔިބަކީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ސަރުކާރުގެ ތެރޭގައި ހިނގަމުން އަންނަ ކޮރަޕްޝަން ހާމަކުރަން އަންނަ ހިތްވަރުގަދަ އެކްޓިވިސްޓެއް ކަމަށާއި އޭނާއަށް މައުލޫމާތު ދޭ ފަރާތްތަކުން ހޯދުމަށް ގާނޫނާއި ޚިލާފަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށާއި އޭގެ ދަށުން ތޮއްޔިބުގެ ފޯނާއި ޓެބްލެޓުތަކާއި މެމޮރީ ކާޑު ހިފަހައްޓާފައިވަނީވެސް ގާނޫނާއި ޚިލާފަށްކަމަށް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ގާނޫނު އަސާސީގައި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަން ކުރުމުގެ މިނިވަންކަން ދީފައިވާއިރު މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުމަކީ އޭނާއަށް ފުރައްސާރަ ކުރުން ކަމުގައި ދެކޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ،