ސ. މަރަދޫ ސްކޫލާ ދިމާލުން ލިންކް ރޯޑުގެ މެދުގައި ފުން ވަޅުގަނޑެއް ހެދި ދުއްވާ ތަކެއްޗަށާއި އެމަގު ބޭނުން ކުރާ ފަރާތަކަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލިންކު ރޯޑުން ބައެއް އަޑިއަށް ގަނބައިގެން ގޮސްފައި ވަނީ ލިންކް ރޯޑުގެ ދަށުން ފަސްގަނޑު ވަރަށް ބޮޑަށް ދަމައިގެން ގޮސްފައިވުމުގެ ސަބަބުންނެވެ.
އައްޑޫގައި ޓެކްސީ ދުއްވާ މީހަކު ބުނީ ފަސްގަނޑު އަޑިން ދަމައިގެން ގޮސްފައިވަނީ ކިހާވަރަކަށް ކަން ނޭގި ދުއްވަމުން ދަނިކޮށް ކިތަންމެ ބޮޑު ގެއްލުމެއްވެސް ބަޔަކަށް ލިބިދާނެކަމަށެވެ.
"މި މަގުގައި ބޮޑެތި ބަސްތައް ގިނަ ބަޔަކު އަރުވައިގެން އެބަދުއްވާ، އަނެއްކޮޅުން ކާރެއް އެއްޗެއް އެހާ ހިސާބަށް އަރާ ތަނުން ފަސްގަނޑު އަޑިއަށް ގަނބައިގެންފި ނަމަ ދެން ކުރާނެ ކަމެއް ނޯންނާނެ،" އޭނާ ބުންޏެވެ.
ލިންކު ރޯޑުގައި ހެދިފައިވާ ވަޅުގަނޑު އަންގައިދިނުމަށް އެތަނުގައި ގަހެއްޖަހައި ދެފަރާތުގައި ދެ ކޯން ބަހައްޓައި ވަނީ ފާހަގަ ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބަށް ގުޅުމުން ފޯނު ބިޒީކޮށްލުމުގެ ސަބަބުން ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މަރަދޫ މީހަކު ބުނީ އެ ވަޅުގަނޑު އެހެން ހުންނަތާ ހަތަރު ފަސްދުވަސް ވީ އިރު އަދި މިހާތަނަށް އެކަމަކާއި އަޅާލީ މީހަކު ނެތް ކަމަށެވެ.
"އެ ބޭފުޅުންނަށް ވެސް ފެންނާނެ ނޫންތޯ. އެތައްފަހަރަކު އެބޭފުޅުންވެސް ދަތުރު ކުރާ މަގެއްވިއްޔާ މީ." އެ މީހާ ބުންޏެވެ.
އޭނާ ބުނީ މީހަކަށް ނުވަތަ އެތިގަނޑަކަށް ގެއްލުން ލިބުމުގެ ކުރިން މިކަން ހައްލުވާނެ ހެން ހީނުވާ ކަމަށެވެ.