Last Updated: March 29, 16:45
Friday, March 29, 2024
ދުނިޔެ

ޓެރަރިސްޓް ހަމަލާއެއް ރާވަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

ޖަރުމަނުގެ ފުލުހުން - ފޮޓޯ: ޑެއިލީމެއިލް ޔޫކޭ

މި އަހަރުގެ ކްރިސްމަސް ދުވަހަށް އަމާޒްކޮށް ބޮޑު ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި އައިސިސް އަށް ނިސްބަތްވާ ކަމަށް ބެލެވޭ ހަ މީހަކު ޖަރުމަނުގެ ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނާ ގޮތުގައި އެ މީހުން ހައްޔަރު ކޮށްފައި ވަނީ ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްގެން ހަމަލާ ދޭން އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އެމީހުން ހަމަލާ ދޭން ރާވަމުން ގެންދިޔައީ ޖަރުމަނުގެ ހުޅަނގު އުތުރުގައި އންނަ އެސެންގެ ކްރިސްމަސް މާރުކޭޓަކަށެވެ.

ހައްޔަރު ކުރެވުނު މީހުންނަކީ އުމުރުން 20 އަހަރާއި 28 އަހަރާއި ދެމެދުގެ ސީރިއާގެ ރައްޔިތުންނެވެ. އެމީހުން ޖަރުމަނަށް އައިސްފައި ވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާއި ދެމެދު އެވެ.

ޖަރުމަނުގެ ޕްރައިވެސީ ޤަވާއިދުތަކުގެ މަތިން ހައްޔަރު ކުރެވުނު މީހުންގެ ނަންތައް ހާމަކޮށްފައި ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ވަނީ އިތުރު މަޢުލޫމާތު ހާމަކުރުމާއި ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރު ކުރިއިރު އަދި ހަމަލާ ދޭން މުޅިން ތައްޔާރުވެފައި ނުވާ ކަމަށެވެ.

2016 ވަނަ އަހަރު ޖަރުމަނަށް ދިން ޓެރަރިސްޓް ހަމަލާތަކަށްށްފަހު އެޤައުމުގައި މިފަދަ ހަމަލާއެއްގެ ބިރު ވަނީ ބޮޑުވެފައެވެ. އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފަ އެވެ.