Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ގައުމީ ކޯޗްގެ ކޮންޓްރެކްޓް އާ ނުކުރުން ނިންމައިފި

ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު، ޑެރެން ސްޓުވާޓުގެ ކޮންޓްރެކްޓު އާނުކުރަން ގައުމީ ފުޓުބޯޅައިގެ އިދާރާ، އެފްއޭއެމުން ނިންމައިފިއެވެ.

އެފްއޭއެމްއިން އޮސްޓްރޭލިއާގެ ކޯޗަށް އިތުރު ފުރުސަތެއް ނުދޭން ނިންމާފައިވަނީ ޖެހިޖެހިގެން ދަށް ނަތީޖާތަކެއް ގައުމީ ޓީމުން ނެރުމާއި ގުޅިގެންނެވެ. އަންނަ ފެބުރުއަރީ މަހުގައި ސްޓުވާޓުގެ ކޮންޓްރެކްޓު ހަމަވާއިރު އޭނާއަށް އޭގެ ކުރިން ގައުމީ ޓީމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއްވެސް ނެތެވެ.

އެންމެ އަވަހަށް ގައުމީ ޓީމުން ރަސްމީ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު މަހުގައި އޭޝިޔަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ. މެޗަށް ރާއްޖެ ނިކުންނައިރުވެސް ކޮލިފައިވުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފައެވެ.

ގައުމީ ކޯޗުކަމާއި ސްޓުވާޓު ހަވާލުކުރިއިރު އޭނާއަށް ވަނީ މައިގަނޑު ދެ ލަނޑުދަނޑިއެއް ހަވާލުކޮށްފައެވެ. އެއް ލަނޑުދަނޑިއަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އޭޝިޔަން ކަޕް ކޮލިފައިންގައި މިހާތަނަށް ރާއްޖެ ކުޅުނު ފަސް މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ. ކޮލިފައިވުމުގެ އަމިއްލަ ބާރު ރާއްޖެއަށް ގެއްލިފައިވާއިރު ސްޓުވާޓަށް ދެން ދިނީ ސާފް ޗެމްޕިއަންޝިޕެވެ.

ނަމަވެސް ސާފް ޗެމްޕިއަންޝިޕަށް އޭނާ ދިއުމުގެ ކުރިން އެފްއޭއެމުން ވަނީ އޭނާގެ އެއްބަސްވުން އާނުކުރަން ނިންމައި، ގައުމީ ޓީމުން ބޭރުކޮށްލާފައެވެ. ސްޓުވާޓުގެ އިރުޝާދުން ގައުމީ ޓީމު ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުންނާއި އޭނާގެ ޓީމް ސިލެކްޝަނަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.