Last Updated: June 28, 23:21
Sunday, June 28, 2026
މުނިފޫހިފިލުވުން

އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ބިޔޯންސޭ އަށް

2017 ވަނަ އަހަރުގެ އެންމެ މުސާރަ ބޮޑު އަންހެން މިއުޒިކީ ފަންނާކަށް ލަވަކިޔުންތެރިޔާ ބިޔޯންސޭ ހޮވިއްޖެއެވެ.

ކޮންމެ އަހަރަކުވެސް ފޯބްސް މެގަޒިން އިން އިއުލާންކުރާ ލިސްޓްގެ މި އަހަރުގެ ލިސްޓް ނެރެފައި ވަނީ ހޯމަ ދުވަހު އެވެ. އެ ލިސްޓްގައި ވާގޮތުން ބިޔޯންސޭ އަށް މި އަހަރު 105 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

މިފަހަރުގެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން 100 މިލިއަން ޑޮލަރަށްވުރެ ގިނައިން ލިބިފައި ވަނީ ހަމައެކަނި ބިޔޯންސޭ އަށެވެ.

ފޯބްސް އިން ރިޕޯޓް ކުރާ ގޮތުގައި ބިޔޯންސޭ އަށް މިހާ ބޮޑު ފައިދާއެއް ލިބިފައި ވަނީ އޭނާގެ ހަވަނަ ސްޓޫޑިއޯ އަލްބަމް "ލެމަނޭޑް" ރިލީޒް ކުރުމާއެކު "ފޯމޭޝާން" ވޯލްޑް ޓުއާގެ ސަބަބުން ކަމަށެވެ. އެގޮތުން ފޯމޭޝަން ޓުއާ އަށް ވަނީ 250 މިލިއަން ޑޮލަރަށްވުރެ ބޮޑު ފައިދާއެއް ލިބިފައެވެ.

މި ލިސްޓްގެ ދެވަނަ އަށް އައީ 69 މިލިއަން ޑޮލަރާއެކު ލަވަކިޔުންތެރިޔާ އެޑެލް އެވެ. އެޑެލް ގެ އަލްބަމް "25" ވަނީ 2015 ވަނަ އަހަރު އެމެރިކާގެ ގިނަ މިއުޒިކް ރެކޯޑްތައް މުގުރާލާފައެވެ.

މިދިޔަ އަހަރު 170 މިލިއަން ޑޮލަރާއެކު ލިސްޓްގެ އެއްވަނަ ހޯދި ޓޭލާ ސްވިފްޓް މިފަހަރު އޮތީ 44 މިލިއަން ޑޮލަރާއެކު ލިސްޓްގެ ތިންވަނައިގަ އެވެ.

މީގެ އިތުރުން ލިސްޓްގެ ހަތަރު ވަނައިގައި ސެލީން ޑިއޯން އޮތްއިރު، ލިސްޓްގެ ފަސް ވަނަ ހޯދާފައި ވަނީ ޖެނިފާ ލޮޕެޒް އެވެ.

ފޯބްސް އިން ޝާއިރުކުރި "އެންމެ މުސާރަ ބޮޑު އަންހެން މިއުޒިކީ ފަންނާނުން"ގެ ލިސްޓްގެ ޓޮޕް 10:

1. ބިޔޯންސޭ – 105 މިލިއަން ޑޮލަރު
2. އެޑެލް – 69 މިލިއަން ޑޮލަރު
3. ޓޭލާ ސްވިފްޓް – 44 މިލިއަން ޑޮލަރު
4. ސެލީން ޑިއޯން – 42 މިލިއަން ޑޮލަރު
5. ޖެނިފާ ލޮޕެޒް – 38 މިލިއަން ޑޮލަރު
6. ޑޯލީ ޕާޓަން – 37 މިލިއަން ޑޮލަރު
7. ރިއާނާ – 36 މިލިއަން ޑޮލަރު
8. ބްރިޓްނީ ސްޕިއާސް – 34 މިލިއަން ޑޮލަރު
9. ކޭޓީ ޕެރީ – 33 މިލިއަން ޑޮލަރު
10. ބާބްރާ ސްޓްރައިސޭންޑް – 30 މިލިއަން ޑޮލަރު