Last Updated: March 29, 10:16
Friday, March 29, 2024
މުނިފޫހިފިލުވުން

ދީޕިކާގެ ބެންގަލޫރު ގޭގެ ސެކިއުރިޓީ އަށް ފުލުހުން

"ޕަދްމާވަތީ" އާއި ގުޅިގެން ދީޕިކާ ޕާޑުކޯން އަށް ލިބެމުންދާ މަރުގެ އިންޒާރަތަކުގެ ސަބަބުން ބެންގަލޫރުގައި ހުންނަ ދީޕިކާ މައިންބަފައިންގެ ގޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ބެންގަލޫރުގެ ޖޭސީ ނާގަރްގައި ހުންނަ އެ ގޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުންގެ ދެ އޮފިސަރަކު އައްޔަން ކޮށްފައިވާ ކަމަށް ޖޭސީ ނަގަރް ޕޮލިސް ސްޓޭޝަންގެ އިންސްޕެކްޓަރ ގިރީޝް ނާއިކް ވަނީ ބުނެފައެވެ.

ހަރިޔާނާގެ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ކުންވަރް ސޫރަޖްޕާލް ސިންގް ވަނީ ދީޕިކާ އާއި "ޕަދްމާވަތީ"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ބޯބުރި ކުރާ މީހަކަށް 10 ކްރޯޑް ރުޕީސް ދޭނެކަމަށް ބުނެފައެވެ.

ކުންވަރް ބުނެފައިވާ ގޮތުގައި އަމިއްލައަށް ޤާނޫން ތަންފީޒް ކުރަން ބޭނުންނުވާ ކަމަށާއި އެހެންނަމަވެސް ރާޖްޕުތްގެ ރަސްކަލުންނާއި ރާނީންގެ ހަޤީގަތް އޮޅުވާލާ އެއްވެސް މީހަކަށް މަޢާފެއް ނުކުރާނެ ކަމަށެވެ.

މި ފިލްމްގެ ސަބަބުން އިންޑިއާގެ އެކި ހިސާބުތަކުގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. ދާދިފަހުން މަދްޔަ ޕްރަދޭޝްގައި ވެސް މި ފިލްމް ދެއްކުން ވަނީ ޤާނޫނީ ގޮތުން މަނާކޮށްފަ އެވެ.

މިހާރު މި ފިލްމް ރިލީޒް ކުރާ ތާރީޚް ވެސް ފަސްކޮށްފައިވާއިރު، ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ބަންސާލީ އާއި ދީޕިކާގެ ދިފާޢުގައި ފިލްމާއި އެއްކޮޅަށް ޚިޔާލު ފާޅުކޮށްފަ އެވެ.