Last Updated: June 16, 18:00
Tuesday, June 16, 2026
ޚަބަރު

މުގާބޭ މަގާމުން އިސްތިއުފާ ދެއްވައިފި

ޒިމްބާބްވޭގެ ރައީސް، ރޮބާޓް މުގާބޭ 37 އަހަރު ފަހުން ވެރިކަމުން އިސްތިއުފާ ދެއްވައިފިއެވެ.

މުގާބޭގެ އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށް އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖޭކޮބް މުޑެންޑާ ވަނީ ކަށަވަރުކޮށްދީފައެވެ. މުގާބޭގެ އިސްތިއުފާ ސިޓީގައި އެގައުމުގެ ގާނޫނު އަސާސީގެ 96 ވަނަ މާއްދާއަށް ރިއާޔަތްކޮށް މިއަދުން ފެށިގެން ގައުމުގެ ރައީސް ކަމުން އިސްތިއުފާ ދީފައިވާކަމަށް ބުނެފައިވެއެވެ.

މުގާބޭގެ ވެރިކަން ނިމިފައިވަނީ މިމަހު އެގައުމުގެ އަސްކަރިއްޔާ އިން ވަނީ ވެރިރަށް ހަރާރޭއަށް އަރައި މުގާބޭގެ އަރިސް ވަޒީރުން ހިފަހައްޓާފައެވެ.

ނަމަވެސް އަސްކަރިއްޔާއިން ވަނީ މުގާބޭއަށް ފުރިހަމަ ހިމާޔަތް ދީފައިވާކަން އިއުލާންކޮށްފައެވެ. އަސްކަރިއްޔާގެ ބެލުމުގެ ދަށުން މުގާބޭ ބަންދުކޮށްފައި ހުރި ނަމަވެސް އޭނާގެ އަނބިކަނބަލުން، ގްރޭސް މުގާބޭ ވަނީ ގައުމު ދޫކޮށް ފިއްލަވާފައެވެ.

މުބާގޭ އިސްތިއުފާ ދިނުމާއި ގުޅިގެން އެގައުމުގެ ގިނަބަޔަކު ވަނީ މަގުތަކަށް ނިކުމެ އުފާ ފާޅުކުރަން ފަށާފައެވެ. ސީއެންއެންގެ ރިޕޯޓަރުންނާއި ވާހަކަ ދައްކަމުން މަގުތަކަށް ނިކުމެފައިވާ ރައްޔިތަކު ބުނެފައިވަނީ އަދިވެސް މުގާބޭ އިސްތިއުފާ ދިންކަން ގަބޫލުނުކުރެވޭ ކަމަށެވެ.