Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

ބޭރުގެ މަސް ބޯޓްތައް ދޫކޮށް ނުލާ، އެއީ ދޮގެއް!

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ސަރަހައްދުން ފެނުނު ބޭރުގެ މަސްބޯޓުތައް ރާއްޖޭ ސަރަހައްދަށް ވަދެފައި ވަނީ، ރަސްމީ ފަރާތްތަކުން ހުއްދަ ނަގައިގެން ކަމަށް ބުނެ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ހެދީ ދޮގުކަން ފަޅާ އަރައިފިއެވެ.

ގއ. ކޮލަމާފުށީގެ ހުޅަނގު އުތުރުން 10 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް މަސްވެރިންނަށް ފެނުނު ހަތަރު މަސް ބޯޓު ބަލައި ފާސްކުރުމަށްފަހު ކޯސްޓްގާޑުން ދޫކޮށްލީ އެ ބޯޓުތައް ފެނުނު ދުވަހު ހަވީރު އެވެ.

ބޯޓުތައް ދޫކޮށްލުމަށް ފަހު ނެރުނު ނޫސް ބަޔާނެއްގައި އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެ ބޯޓުތައް ހިފަހައްޓައި ބެލިބެލުމުން އެއީ ރަސްމީ ފަރާތްތަކުން ހުއްދަ ނަގައިގެން ލަންކާއިން މޮރިޝަސްއަށް ދަތުރުކުރަމުންދިޔަ ބޯޓުތަކެއްކަން އެނގިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ހުއްދަ ނަގާފައިވާ ކަމަށް ބުނި ވާހަކަ އަކީ، ދޮގެއްކަން ހާމަވީ މިއަދު ފިޝަރީޒް މިނިސްޓްރީން މީޑިޔާ އަށް ދިން މައުލޫމާތުންނެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އާދަމް ޒިޔާދު "މިހާރު" އަށް ދިން އިންޓަވިއު އެއްގައި ވިދާޅުވީ މަސްބޯޓުތައް ވަނީ ހުއްދަ ނަގައިގެން ކަމަށް ކޯސްޓްގާޑުން ބުނި ނަމަވެސް އެފަދަ ހުއްދައެއް އެ މިނިސްޓްރީން އެ ބޯޓުތަކަށް ދޫކޮށްފައި ނެތް ކަމަށެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން އިނޮސެންޓް ޕެސެޖް (އެއް ގައުމުން އަނެއް ގައުމަށް ދާން ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ) އަދި ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ރާއްޖެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ނަމަ ހުއްދަ ނަގަން ޖެހޭނެއެވެ.

މަސްވެރި އުޅަނދު ފަހަރަށް އެ ހުއްދަ ދޫކުރަނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރާ ބޭރުގެ ބޯޓުތައް ފެނިގެން ދިވެހި މަސްވެރިން ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު އެ ބޯޓުތައް ހުއްޓުވައި ސިފައިންނަށް އަންގައެވެ.