Last Updated: April 18, 09:37
Thursday, April 18, 2024
ޚަބަރު

ފަހަތުން އަރައި ތިން ލަނޑު ޖަހައި ސެވީއާ ލިވަޕޫލް ހައިރާންކޮށްލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސެވީއާ އަދި ލިވަޕޫލް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ތިން ލަނޑު ޖަހައި ފަސޭހަ ލީޑެއް ނަގާފައެވެ. މެޗުގެ ދެވަނަ މިނެޓުގައި ފިރްމީނޯ ވަނީ ލީޑު ނަގާފައެވެ. ދެވަނަ ގޯލު 22 ވަނަ މިނެޓުގައި މަނޭ ޖަހާފައިވަނީ ފިރްމީނޯގެ އެސިސްޓަކުންނެވެ. 30 ވަނަ މިނެޓުވީއިރު ފިރްމީނޯ ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ލީޑު ތިނަކަށް ފުޅާކޮށްފައެވެ.

ބޮޑު ލީޑެއްގައި ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުގައި ލިވަޕޫލް ވަނީ ޕްރެޝަރަށް ވެއްޓި ފުރަތަމަ ފަނަރަ މިނެޓު ތެރޭ ބައިކޮޅަށް ދެލަނޑު ވައްދާފައެވެ. 51 ވަނަ މިނެޓުގައި ބަނެގާ ނެގި ހިލޭ ޖެހުމަކުން ބެން ޔެޑާ ވަނީ ސެވީއާގެ ފުރަތަމަ ލަނޑު ޖަހާފައެވެ. ޕެނަލްޓީއަކުން ދެވަނަ ލަނޑުވެސް ޖެހީ އޭނާއެވެ.

މެޗުގެ 90 މިނެޓު ހަމަވެ އިތުރު ވަގުތުގައި ކުޅެމުން ދަނިކޮށް ސެވީއާއަށް ނަތީޖާ އެއްވަރުކޮށްދިނީ ޕިޒާރޯއެވެ. ދެވަނަ ހާފުގައި މުޅިންވެސް ސެވީއާއިން ކުޅެފައިވާއިރު ލިވަޕޫލަށް ވަނީ މެޗުގެ ކޮންޓްރޯލް ގެއްލި ފުރަތަމަ ހާފުގައި ކުރި މަސައްކަތް ބޭކާރުވެ ފާޑުކިޔުންތައް އަމާޒުވެފައެވެ.