ސ. ފޭދޫ، ޕިންކް ހައުސް އަހުމަދު ފާއިޒް އަށް މިނިސްޓަރުގެ ނައިބު ކަމުގެ މަޤާމެއް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ފާއިޒް ނައިބަކަށް ހަމަޖެއްސެވީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ޕްރޮޖެކްޓް އެޑްވައިޒަރުގެ މަގާމަށް ކަމަށެވެ.
އަދި ފާއިޒް މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ.
މި މަގާމަށް އޭނާ ހަމަޖެއްސެޗުމުގެ ކުރިން ކުރީގެ މޯލްޑިވްސް ނެޝަނަލް ބްރޯޑް ކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) ގެ މެނެޖިން ޑިރެކްޓަރުގެ މަގާމު ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު އޭނާ އަދާ ކުރައްވާފައިވެ އެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗެއާމަންގެ މަގާމު ވެސް ފާއިޒު ވަނީ ފުރުއްވައިފަ އެވެ.
އެހެން ނަމަވެސް ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އޭނާ ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ރާއްޖެ ޓީވީން ލީކްކޮށްލުމުން އޮގަސްޓް 21، 2012 ވަނަ ދުވަހު ފާއިޒު އެމްއެންބީސީގެ ބޯޑުން ވަކިކޮށްފައިވެ އެވެ.
ފާއިޒުއަކީ 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ސ. ފޭދޫ ދާއިރާ އަށް ވެސް ކުރިމަތިލެއްވި ބޭފުޅެކެވެ. އަދި އެ ދުވަސްވަރުގެ ކެމްޕޭން ތެރޭގައި ފޭދޫ ސްކޫލަށް ސްމާޓް ބޯޑެއް ހަދިޔާ ކުރެއްވުމަށް ފަހު، މަޖިލީހަށް ހޮވިވަޑައި ނުގަތުމުން އޭނާ ވަނީ ސްކޫލަށް ހަދިޔާ ކުރެއްވި ސްމާޓް ބޯޑް ވެސް ގެންގޮސްފަ އެވެ.