Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

މަރަދޫފޭދޫ ބަނދަރު ހަދައި ދޭނެކަމުގެ ޔަގީންކަން އެބައޮތް: އައިބީ

އައްޑޫ ސިޓީ، މަރަދޫފޭދޫ އަށް 2018 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކޮންމެވެސް ގޮތަކުން ރައީސް އަބްދުﷲ ޔާމީން ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮންނެވި ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން އޮންނެވި ކަމަށް އައިބީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާފައި ވާހަކަ ދައްކަވަމުންނެވެ.

"އައްޑޫ ސިޓީ މަރަދޫފޭދޫ. އެ ދާއިރާގެ ބަނދަރުގެ މަސައްކަތް މި ބަޖެޓުގެ ތެރެއިން ކޮންމެވެސް ގޮތަކުން ރައީސް ޔާމީން އެ ބަނދަރުވެސް ހައްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް" އައިބީ ވިދާޅުވިއެވެ.

ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާނެ ކަމަށާއި މަރަދޫފޭދޫ ހިމެނޭ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު ވެސް މަރަދޫފޭދޫގައި ކުރެވެމުންދާ މަސައްކަތް ތަކުން އެކަން ހާމަވާ ކަމަށް އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި ގޮތުގައި ރޮޒެއިނާ ސަރުކާރާ ދެކޮޅަށް މަސައްކަތް ކޮށްކޮށް ހުއްޓައި ވެސް މަރަދޫފޭދޫގެ ވެސް ނަރުދަމާއި ފެނާއި ފޭދޫގެފެނާއި ނަރުދަމާ އާއި އެއްގޮތަށް އެއް ފެންވަރެއްގައި އެޅެމުންދާ ކަމަށެވެ.

ފޭދޫ ދާއިރާގެ މަޖިލިސް މެންބަރަށް ވިޔަސް، މަރަދޫފޭދޫގެ ރައްޔިތުންނާއި އައިބީ އާއި ދެމެދު ގާތްގުޅުމެއް އޮވެއެވެ. އެގޮތުން މަރަދޫފޭދޫގައި މީގެ ކުރިން ފެންބޮޑުވި ފަހަރަކު ވެސް އައިބީ ވަނީ އެދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވާފައެވެ.