Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

"ޖަލްސާގައި ޖާގަ ނެތިގެން އުޅަނދުތައް ކަނޑަށް ނެރެން ޖެހުނު"

ހުޅުމާލޭގައި ޕީޕީއެމްގެ ޖަލްސާ އެއް ބޭއްވުމަށް ޖާގަ ނެތިގެން ބައެއް އުޅަނދުތައް ކަނޑުމައްޗަށް ނެރެން ޖެހުނު ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރުމާލު2 ޖަގަހައިގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ޕީޕީއެމުން މިހާރު އުޅެން ޖެހިފައިވަނީ ހުޅުމާލޭގެ ހިއްކި ބިން ފުލްވެގެން އެތަނުގައި ވެސް ޖަލްސާއެއް ނުބޭއްވިގެން ކަމަށެވެ.

ބެލެވޭ ގޮތުގައި ފަލާހު އިޝާރާތް ކުރެއްވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢޫ "ހިޔާ" އިފްތިތާޙްކުރުމަށް މިމަހުގެ 18 ވަނަ ދުވަހު ހުޅުމާލޭ ހިއްކި ބިމުގައި ބޭއްވި ޖަލްސާ އަށެވެ.

"އަޅުގަނޑުމެން ފަހުން ބޭއްވި ޖަލްސާގައި ޗައިނާގައި އެތާ އުޅޭ މަސައްކަތް ކުރާ ބޭފުޅުން ބުނީ މި ވެހިކަލްތައް ބާއްވާނެ ތަނެއް ވެސް ނެތޭ. ފަހުން ބައެއް ބާޖުތަކަށް އަރުވައިގެން އެއެއްޗެހިތައް ކަނޑުމައްޗަށް ނެރުނު." ފަލާހް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ޕީޕީއެމްގެ ޖަލްސާތަކަށް ހާޒިރުވާ މީހުންގެ އަދަދު ގިނަ ކަމުން އެމްޑީޕީއަށް އުޅެނީ އެކަން ހަޖަމު ނުވެގެެންނެވެ.

މީގެ އިތުރުން ޕީޕީއެމުން ބާއްވާ ޖަލްސާތަކަށް ނެރޭ މީހުންނާއި އެއްވަރަށް މީހުން ނެރުމަށް އިދިކޮޅު ފަރާތްތަކުން ވެސް މަސައްކަތް ކުރަމުންދާ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް "ހޭބަލިވާ" ވަރަށް ގޮވާލީމާ ވެސް ނިކުންނަނީ "ހަތަރު ފަސް" މީހުން ކަމަށެވެ.