Last Updated: April 23, 12:01
Tuesday, April 23, 2024
ޚަބަރު

އޮސްޓްރޭލިއާ ސަފީރު އައްޑޫ ކައުންސިލާ ބައްދަލުކޮށްފި

އޮސްޓްރޭލިޔާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ބްރައިސް ޑޭވިޑް ހަޗެސަން އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށްފި އެވެ.

ސަފީރު ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ މޭޔަރު ޢަބްދުﷲ ސޯދިގް (ސޯބެ) އެވެ.

މި ބައްދަލުވުމުގައި އައްޑޫގެ އިޖުތިމާއީ އަދި އުމްރާނީ ހާލަތާއި،އައްޑޫގެ އާބާދީއާއި ވަޒީފާގެ ފުރުސަތަތައް ހުޅުވާލެވިފައިވާ މިންވަރާއި، އައްޑޫގެ ތަރައްޤީ އާއި ކައުންސިލްގެ ދައުރާ ގުޅޭގޮތުން އެމަނިކުފާނު ވަނީ އޮޅުންފިއްލުވާފަ އެވެ. އަދި އައްޑު އަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާ ތުވެސް އެމަނިކުފާނު އޮޅުންފިއްލުއް ވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ އޮސްޓްރޭލިއާ ސަފީރަށް ހަނދާނީ ހަދިޔާއެއް ވެދުމަށް އަރުވައިފައެވެ. އަދި މެހުމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވި އެވެ.

އޮސްޓްރޭލިޔާގެ ސަފީރުގެ މި ދަތުރުފުޅަކީ އެމަނިކުފާނު އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅަކީ އައްޑޫސިޓީގެ ހާލަތު ދަނެގަނެ ކަންކަން ހިނގާނުހިނގާގޮތް ބެއްލެވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

އައްޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ވެސް ސަފީރު ބައްދަލުކުރެއްވިއެވެ.