Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ކޯޓަށް މައްސަލަ ހުށައަޅާފައި ވަނިކޮށް ބަޖެޓް ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ - މަޖިލިސް

ބަޖެޓު ފާސްކުރުން ހުއްޓުވުމަށް އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވަނިކޮށް މިއަދުގެ ޖަލްސާގައި ސަރުކާރު ކޯލިޝަނުން ވަނީ ބަޖެޓަށް އަހައި، ބަޖެޓު ފާސްކޮށްފައެވެ.

ޕީޕީއެމް-އެމްޑީއޭ ކޯލިޝަނުގެ 39 މެމްބަރުން މަޖިލީހުގައި ހާޒިރުވެ ތިބިއިރު ބަޖެޓު ފާސްވެފައިވަނީ 39 ވޯޓު ލިބި، ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ މަހު ހުށައެޅުނު ސަޕްލެމެންޓްރީ ބަޖެޓެކޭ އެއްފަދައިން އިދިކޮޅު ހުރިހާ މެމްބަރުން ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުވެސް ބޮއިކޮޓުކޮށްފައެވެ. ޖަލްސާގައި އިދިކޮޅު އެންމެ މެމްބަރަކުވެސް ބައިވެރިވެވަޑައިގެންފައިނުވާއިރު މިއަދު އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ ހާޒިރުގައި ނޫނީ ބަޖެޓަށް ނޭހޭނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ.

މަޖިލީހުގެ މިހާރުގެ ޖުމުލަ އަދަދަށް ބަލާއިރު ދެބައިކުޅަ އެއްބައި މެމްބަރުންނަކީ 43 މެމްބަރުންނެވެ. ސަރުކާރު ކޯލިޝަނުގައި 39 މެމްބަރުން ތިބިއިރު، ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވުމުން ނޫނީ ބަޖެޓަށް ނޭހެނެ ގޮތަށް ކަނޑައަޅައިފިނަމަ ބަޖެޓަށް އެހޭނީ އިދިކޮޅު މެމްބަރުން ޖަލްސާއަށް ހާޒިރުވުމުންނެވެ.

ސުޕްރީމް ކޯޓަށް ހުށައެޅުނު މައްސަލައާ މެދު އަދި ވަކި ގޮތެއް އެކޯޓުން ނިންމާފައެއް ނުވެއެވެ. ރެކޯޑު 27.9 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފައިވާއިރު މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ވަނީ މިބަޖެޓަށް ފައިސާ ހޯދުމަށް ރަސްމީ ރިޒާވަށް ބަރޯސާ ވާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.