ގ.ދ ތިނަދޫގައި ޕީޕީއެމްއިން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން މިއަދު ވަޑައިގެންނެވުމާއި ގުޅިގެން އެރަށު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މީހުން ބެނާތަކެއް ހިފައިގެން އެއްވުމުން، ރަށުގެ ޕީޕީއެމް ސަޕޯޓަރުންނާ އިދިކޮޅު ސަޕޯޓަރުންނާ ކުރިމަތިލުމެއް ހިނގައިފިއެވެ.
ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުން ހިނގައި، މާރާމާރީއަށް މަގުފަހިވުމުން ފުލުހުން ވަނީ ވަދެ ހަމަނުޖެހުން ރޫޅާލާފައެވެ. ހަމަނުޖެހުން ބޮޑުވެގެން ދިޔައީ އިދިކޮޅު ސަޕޯޓަރުން ބެނާ ހިފައިގެން އެސަރަހައްދުގައި އެތުރެން މަސައްކަތް ކުރުމުންނެވެ.
ދެފަރާތުގެ ދެމެދުގައި ހަމަނުޖެހުން ހިނގައި، ފުލުހުން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ވީޑިއޯވެސް ވަނީ ސޯޝަލް މީޑިޔާގައި ދައުރުވާން ފަށާފައެވެ.
ހަމަނުޖެހުމުގައި ބޮޑު އަނިޔާއެއް ދެފަރާތުގެ ބައިވެރިޔަކަށްވެސް ނުވެއެވެ. އަދި މިހާދިސާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.