Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޕީޕީއެމް ސަޕޯޓަރުންތަކެއް އިދިކޮޅު މީހުންނަށް ހަމަލާދޭ ތަން ފެންނަ ވީޑިއޯއެއް

ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ގދ. ތިނަދޫގައި ހަމަނުޖެހުން ހިންގަނީ-- ފޮޓޯ: ސައުދު އަލީ

ޕީޕީއެމްގެ ވަފުދެއް ގދ. ތިނަދޫއަށް މިއަދު ދިޔަ ވަގުތު ހިނގި ހަމަނުޖެހުމުގެ ތެރޭގައި ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ގޮސް އިދިކޮޅު ފަރާތްތަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝާލް މީޑިޔާގައި އާއްމުވެއްޖެއެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުގައި، "ވަގުންނަށް މަރުހަބާ" ޖަހާފައިވާ ރީނދޫ ކުލައިގެ ބެނާއެއް ހިފައިގެން ތިބި ބަޔަކަށް، ފިޔާތޮށި ކުލައިގެ ޕީޕީއެމް ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ގޮސް ހަމަލާ ދިނުމަށްފަހު ބެނާ އަތުލުމަށް މަސައްކަތް ކުރެއެވެ.

އަދި ބެނާ އަތުލުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ދިދަ ދަނޑިތައް ހޫރާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ. ދެބައި މީހުންގެ މެދުގައި ހަމަނުޖެހުން ހިންގަން ފެށިތާ ގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ އެ ދެމެދަށް ވަދެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ފަށާފައެވެ.

ގދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނާސިހް ރަޝީދު "ރާއްޖެއެމްވީ" އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރުގެ ބައެއް ވަޒީރުން ވެސް ތިއްބަވައިގެން އެފަދަ ދަށު ދަރަޖައިގެ އަމަލުތަކެއް ކުދިންތަކެއް ލައްވައި ހިންގުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އިސްވެ އިދކޮޅު ސަޕޯޓަރުންނަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ އެއް އާއްމުވި ނަމަވެސް ޕީޕީއެމަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ހަމަނުޖެހުން ހިންގާފައި ނުވާނެ ކަމަށް ބުނަމުންނެވެ.

ޕީޕީއެމްގެ ވަފުދެއް ތިނަދޫއަށް ދިޔައީ، ބުރާސްފަތި ދުވަހުގެ ރޭ އެރަށުގައި އިދިކޮޅު ފަރާތްތަކުން ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

މިވަގުތު ޕީޕީއެމްގެ މަޖިލިސް ބައެއް މެންބަރުންނާއި ބައެއް ވަޒީރުން ވެސް ތިއްބެވީ ތިނަދޫގަ އެވެ. އަދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް އެރަށުގައި އެބަ އުޅުއްވަ އެވެ.