Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޕީޕީއެމުން ޖަލްސާ އިތުރަށް ޕްރޮމޯޓްކޮށްފި: ތިނަދޫ އެމްޑީޕީ

ޕީޕީއެމްގެ މެންބަރުންގެ ފަރާތުން ކުރިމަތިވި ކަންތަކާއި އެކު މިރޭ ތިނަދޫގައި އިދކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާ އިތުރަށް ޕްރޮމޯޓްވެގެން ގޮސްފި ކަަމަށް އެ ރަށު އެމްޑީޕީ ގޮފިން ބުނެފިއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އެމްޑީޕީ ތިނަދޫ ގޮފީގެ އެކްޓިވިސްޓަކު ބުނީ، މިހާރު ކަންތައް ވީގޮތުން އެމްޑީޕީ މެންބަރުންގެ ލޭ "ކައްކުވާލައިފި" ކަމަށެވެ.

"އެމީހުން މިތަނަށް އައިސް އަޅުގަނޑުމެންނަށް ހަމަލާދީ ކަންތައް މިފެށީ. ހަގީގަތުގައި އެއީ އިދިކޮޅު ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް. ޖަލްސާ ވެސް ޕްރޮމޯޓްކޮށްދިނީ އެމީހުން" އޭނާ ބުންޏެވެ.

ތިނަދޫ އެމްޑީޕީ ގޮފިން ބުނި ގޮތުގައި، ކައުންސިލް އިންތިހާބުގެ ނަތީޖާއިން ތިނަދޫ ރައްޔިތުން ތިބިގޮތް ވަރަށް ސާފުކޮށް ފެންނާނެ ކަމަށާއި، ރައްޔިތުން ރުޅި އަރުވައިގެން ސަރުކާރަށް ލިބޭނެ ތާއީދެއް ނޯންނާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ތިނަދޫގައި ބާއްވާ ޖަލްސާ އާއި ދިމާކޮށް ޕީޕީޢެމްގެ ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ.

އެ ޓީމް ތިނަދޫ އަށް މިއަދު ދިޔަ ވަގުތު ހިނގި ހަމަނުޖެހުމުގެ ތެރޭގައި ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ގޮސް އިދިކޮޅު ފަރާތްތަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝާލް މީޑިޔާގައި ވަނީ އާއްމުވެފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި، "ވަގުންނަށް މަރުހަބާ" ޖަހާފައިވާ ރީނދޫ ކުލައިގެ ބެނާއެއް ހިފައިގެން ތިބި ބަޔަކަށް، ފިޔާތޮށި ކުލައިގެ ޕީޕީއެމް ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ގޮސް ހަމަލާ ދެެއެވެ.