Last Updated: June 8, 13:26
Monday, June 8, 2026
ޚަބަރު

ޕްރިންސިޕަލަކު ޓީޗަރުންގެ ޒާތީ ކަންތަކާ ބެހި "ހުތުރު" ވާހަކަ ދައްކައިފި!

*ޕްރިންސިޕަލް ވިދާޅުވީ ޓީޗަރަކު ވަކިވަނީ "ރަށުގައި ނޫޅެވިގެން މީހަކާއި އިންނަން ވެގެން މާލެ ދާން" ކަމަށް.
* އެހެން ޓީޗަރަކު ވަކިވަނީ، "އަނބިމީހާ ފިރިމީހާ ގާތަށް ދާން ބޭނުންވެގެން" ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފައި.
*މި ވާހަކަތައް ދެއްކީ ފައުންޑޭޝަން ސްޓޭޖްގެ ގްރެޖުއޭޝަން ޖަލްސާގައި.

އައްޑޫ ސިޓީ، ހުޅުދޫ ސްކޫލްގައި މަސައްކަތް ކުރާ 2 ޓީޗަރެއްގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން އެ ސްކޫލްގެ ޕްރިންސިޕަލް، މޫސާ ސިއްދީޤް ޙަސަން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޓީޗަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، 2 ޓީޗަރެއްގެ ނަން ވިދާޅުވުމަށް ފަހު ޒާތީ ވާހަކަތަކެއް ޕްރިންސިޕަލް ދައްކަވާފައި ވަނީ، ރޭ ބޭއްވި އެ ސްކޫލްގެ ފައުންޑޭޝަން ސްޓޭޖް ކުދިންގެ ގްރެޖުއޭޝަން ،"ސަކްސެސް ޑޭ 2017" ގައި ވާހަކަ ދައްކަވަމުންނެވެ.
.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ހިތްހަމަނުޖެހުން ފާޅުކުރައްވައި ވާހަކަ ދެއްކެވީ، 4 ޓީޗަރަކު 2018 ވަނަ އަހަރު އެހެން ސްކޫލްތަކަށް ބަދަލުވާން އެދުމާއި ގުޅިގެންނެވެ.

ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އަދި އެކި ދައުވަތު އެރުވި އެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވި ޖަލްސާގައި ޕްރިންސިޕަލް އެ ޓީޗަރުންގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ވާހަކަ ދައްކަވާފައި ވަނީ ޓީޗަރުންގެ ސީދާ ނަން ވިދާޅުވުމަށް ފަހުއެވެ.

ސިއްދީޤް ވިދާޅުވެފައި ވަނީ، ސްކޫލުން ވަކިވާން އެއް ޓީޗަރަކު ނިންމީ، "ރަށުގައި ނޫޅެވިގެން މީހަކާއި އިންނަން ވެގެން މާލެ ދާން"ކަމަށެވެ. އަދި އިތުރު ޓީޗަރަކު ވަޒީފާ ދޫކޮށްލަނީ "ފިރިމީހާ މަރަދޫގައި ހުރުމުން އަނބިމީހާ ފިރިމީހާ ގާތަށް ދާން ބޭނުންވެގެން" ކަމަށް ސިއްދީޤު ވިދާޅުވިއެވެ.

ސިއްދީޤ މިގޮތަށް ވާހަކަ ދެއްކެވި އިރު، އެ ޖަލްސާގައި ފައުންޑޭޝަން ސްޓޭޖްގެ ގިނަ އަދަދެއްގެ ދަރިވަރުން ވެސް ތިއްބެވެ.

ޕްރިންސިޕަލްގެ މި ވާހަކަތަކާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ޓީޗަރުން ވަނީ، ޖަލްސާއަށް ފަހު ބޭއްވި ކެއުމުގައި ވެސް ބައިވެރިވާން ދެކޮޅު ހަދާފައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހުޅުދޫ ސްކޫލްގެ ޓީޗަރަކު ބުނީ، މިފަދަ ވާހަކަތަކެއް ޕްރިންސިޕަލްގެ ފަރާތުން އަޑު އިވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ޓީޗަރުންގެ ޒާތީ ދިރިއުޅުމުގެ ކަންކަމަށް ޕްރިންސިޕަލަށް އެގޮތަށް ފާޑު ވިދާޅެއް ނުވެވޭނެ. އަދި ޖަލްސާއެއްގައި އެތައް ބަޔަކު ތިއްބައި، ކުޑަކުދިން ބައިތިއްބައިގެން ޓީޗަރުންގެ ޒާތީ ދިރިއުޅުމާއި ބެހުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން." ހުޅުދޫ ސްކޫލްގެ ސީނިއަރ ޓީޗަރަކު ބުންޏެވެ.

މިކަމާއި ގުޅޭ ގޮތުން ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލްގެ ބަހެއް ހޯދުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.