Last Updated: June 16, 18:00
Tuesday, June 16, 2026
ކުޅިވަރު

ހަނިގޮތަކަށް ބާސެލް އަތުން ޔުނައިޓެޑު ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕު އޭ ގައި މެންޗެސްޓާ ޔުނައިޓެޑާއި ބާސެލް ކުޅުނު މެޗު 0-1 އިން ބާސެލް ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗުން މޮޅުވިނަމަ ޔުނައިޓެޑަށް ދެވަނަ ބުރަށް ދެވޭނެއެވެ. ނަމަވެސް ބައްޔާއެކު އަނެއްކާވެސް ވަނީ ރައުންޑް އޮފް 16 އަށް ދިއުން ފަސްވެފައެވެ.

ބާސެލްގެ ހަމައެކަނި ލަނޑު މެޗު ނިމެން އެންމެ މިނެޓެކަށް ވެފައިވަނިކޮށް ޖަހާފައިވާއިރު ޔުނައިޓެޑުގެ ފަރާތުން ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ޕޮގްބާ ބަދަލުކުރި ފަހުން ޔުނައިޓެޑު ޓީމުގެ ދިރުން ވަނީ ގޮސްފައެވެ.

ނަތީޖާއެއް ނުނެރުނުތާ ފުރުސަތެއްވެސް އުފެއްދުމަށް ޔުނައިޓެޑު ޓީމު ވަނީ ނުކުޅެދިފައެވެ. ނަތީޖާއަކަށްވީ 89 ވަނަ މިނެޓުގައި ބާސެލްގެ މައިކެލް ލެންގ ގޯލު ޖަހައި ޔުނައިޓެޑުގެ މިސީޒަނުގެ ޗެމްޕިއަންސް ލީގު ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހުމެވެ.

ޔުނައިޓެޑަށް 15 މެޗުން 12 ޕޮއިންޓު ލިބިފައިވާއިރު ބާސެލްއާއި ސީއެސްކޭއޭ މޮސްކޯއަށްވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ. ކުރިއަށް އޮތް މެޗުގައި އެއްވަރުވިޔަސް ޔުނައިޓެޑަށް ދެވަނަ ބުރަށް ދެވޭނެއެވެ.