Last Updated: June 8, 13:26
Monday, June 8, 2026
ޚަބަރު

އެންއައިސީގެ ރައީސްކަމުން މާނިއު ވަކިކުރަން ނިންމައިފި

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމުން ޔޫސުފް މާނިއު މުހައްމަދު ވަކިކުރުމަށް ނިންމާފައިވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މާނިއު ވަކިކުރުމަށް ނިންމާފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ ކަމަށާއި އެކަން ވަރަށް އަވަހަށް ރައީސް އޮފީހުން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ ރައީސް މަގާމަށް އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަކު ކޮމިޝަންގެ ނައިބު ރައީސް އައްޔަން ކުރާނީ އެ ކޮމިޝަންގެ މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ.

އެންއައިސީގެ ރައީސް ކަމުން މާނިއު ވަކިކުރުމަށް ނިންމާފައި މިވަނީ އެންއައިސީގެ ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިން ހުރަސް އަޅާކަމަށް ތުހުމަތުކޮށް ޓްވީޓްތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ޔޫސުފް މާނިއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮމިޝަނުގެ ތަހުގީގުތަކަށް ހުރަސް އަޅާ ފުލުހުންގެ ލީޑާޝިޕާ މެދު ވެސް އެންއައިސީ އަށް ލިބިފައިވާ ގާނޫނުގެ ބާރު ހިފާނެ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ތަހުގީގުތަކަށް އެއްބާރުލުން ނުލިބޭކަން ފާހަގަކުރައްވައި މާނިއު ވިދާޅުވެފައިވަނީ އެހެން ހުރިހާ ތަނަކުން ވެސް މައްސަލަތައް ބެލުމަށް އެ ކޮމިޝަނަށް އެއްބާރުލުން ދޭ ކަމަށެވެ.