ސަރުކާރުގެ އިސްވެރިން ރަށް ރަށަށް ވަޑައިގެން މަސްލަހަތަށް ނުވިސްނައި ހަމަނުޖެހުން އުފެއްދުމަށް މަގުފަހިކުރުމީ ބަލިވެފައިވާ ކަމުގެ އަލާމާތެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވެފައިވަނީ އިއްޔެ ތިނަދޫގައި އިދިކޮޅު ސަޕޯޓަރުންނާ ޕީޕީއެމް މެމްބަރުންނާ ދެމެދު ހިނގި ހަމަނުޖެހުމަށް އަލިއަޅުވާލަމުންނެވެ. ސޯޝަލް މީޑިޔާގައި ވަނީ އެމްޑީޕީގެ ސަޕޯޓަރުން ބެނާއެއް ހިފައިގެން ދިއުމުން ޕީޕީއެމް ސަޕޯޓަރުން އެމީހުންގެ އަތުން ބެނާ އަތުލައި، ހަމަނުޖެހުން އުފެއްދި ވީޑިއޯއެއް އާންމުވެފައެވެ.
ނިޒާރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓަރާއި، ހެލްތު މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރުގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު މަސްލަހަތަށް ނުވިސްނައި ރަށް ރަށަށް އަރައިގެން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމަކީ ބަލިވެފައިވާ ކަމުގެ އަލާމާތެއް ކަމަށެވެ.
ތިނަދޫއަށް ސަރުކާރުގެ އިސް ފަރާތްތަކުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ވަރަށް ބޮޑަށް ޚިޔާލުތަފާތުވެ ހަމަނުޖެހުން ހިންގާ ހިސާބަށްވެސް ވަނީ ގޮސްފައެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ތިނަދޫ މީހުންނަށް "ބިރުދެއްކުމުގެ" ގޮތުން ނިހާން ދެއްކެވި ވާހަކައަކީ އެރަށު އެއްވެސް ރައްޔިތަކަށް ގަބޫލުކޮށް، ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށެވެ. ނިހާން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ހެޔޮފުޅުކަމުން އެރަށަށް ކޮށްދީފައިވާކަން ހަނދާން ނެތޭނަމަ އެބޭފުޅުންނަށްވެސް އެފަދަ ކަންތައް ކުރައްވާއިރު ހަނދާންނެތިދާނެ ކަމަށެވެ.
ގޮނޑި ގެއްލިފައިވާކަމަށް ނިންމާފައިވާ ތިނަދޫއަށް ނިސްބަތްވާ ދެމެމްބަރުން، އަބްދުﷲ އަހުމަދާއި ސައުދުﷲ ހިލްމީ ވަނީ ނިހާންގެ މިވާހަކައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މެމްބަރުން ބުނަނީ ތިނަދޫ ރައްޔިތުންނަކީ ނިހާން ދައްކާ ބިރަކަށް ސިހޭނެ ބަޔެއް ނޫން ކަމަށާއި ރައްޔިތުންގެ ފައިސާއިން ކޮށްދޭ ޚިދުމަތްތަކަކީ ސަނާ ކިޔައި އަޅުވެތިކުރުމަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.