Last Updated: June 16, 18:00
Tuesday, June 16, 2026
ޚަބަރު

ޕީއެސްޖީން ސެލްޓިކް ކޮޅަށް ލަނޑު ގޯންޏެއް އަޅާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ ގައި ރޭ ޕީއެސްޖީއާއި ސެލްޓިކް ބައްދަލުކުރި މެޗު 1-7 އިން ޕެރިސް ކާމިޔާބުކޮށްފިއެވެ.

ޕެރިހުން ސެލްޓިކް ކޮޅަށް ލަނޑު ގޯންޏެއް އަޅާލާފައިވަނީ މެޗުގެ ފުރަތަމަ މިނެޓުގައި ސެލްޓިކުން ގޯލު ޖަހައި، ލީޑު ނަގާފައި ވަނިކޮށެވެ. ޑެމްބޭލޭ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގުމުން ޖަވާބުގައި ޕީއެސްޖީން ވަނީ 9 ވަނަ މިނެޓުގައި ގޯލު ޖަހަން ފަށާފައެވެ.

ނޭމާ ވަނީ 9 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރުމަށްފަހު 22 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. 28 ވަނަ މިނެޓުގައި ކަވާނީ ލީޑު 1-3 އަށް ފުޅާކޮށްފައިވަނިކޮށް 35 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޕެރިހުގެ ހަތަރު ވަނަ ގޯލާއެކު ކޮންޓްރޯލް ނަގާފައެވެ.

ފަހު ހާފުގައި ޕެރިހުގެ ފަހު ތިން ގޯލު ފެނިގެން ގޮސްފައިވަނީ ވެރާޓީ، ކަވާނީ އަދި ޑެނީ އަލްވޭސްގެ ފަރާތުންނެވެ. ކަވާނީގެ ގޯލަށް މިނެޓެއްވެސް ނުވަނީސް ޑެނީ އަލްވޭސް ވަނީ 80 ވަނަ މިނެޓުގައި އެޓީމުގެ 7 ވަނަ ލަނޑު ޖަހާފައެވެ.

ތަފާތުބޮޑު މިމޮޅާއެކު ޕީއެސްޖީ ވަނީ ޗެމްޕިއަންސް ލީގު ތާރީޚުގައި ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމަށް ވެފައެވެ. އަދި ބާކީ އެއް މެޗު އޮތްއިރު ޕީއެސްޖީ ވަނީ މިހާތަނަށް 24 ލަނޑު ގްރޫޕް ސްޓޭޖުގައި ޖަހާފައެވެ.

ރޭ ބެޔާން މިއުނިކާއި އެންޑަލެޓް ކުޅުނު މެޗު 1-2 އިން ބެޔާން ކާމިޔާބުކޮށް ޕެރިހާއެކު ބެޔާންވެސް ވަނީ ދެވަނަ ބުރަށް ކޮލިފައިވެފައެވެ. ކުޅުނު ފަސް މެޗުން މޮޅުވެ ޕީއެސްޖީ 15 ޕޮއިންޓާއެކު ކޮލިފައިވެފައިވާއިރު ބެޔާން ގޮސްފައިވަނީ ޕެރިސް އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ހަތަރު މެޗުން މޮޅުވެ ލިބުނު 12 ޕޮއިންޓާއެކުގައެވެ.

ގްރޫޕުގެ ބާކީ އޮތް ދެޓީމު، ސެލްޓިކް އަށް ލިބިފައިވަނީ 3 ޕޮއިންޓު، އަދި އެންޑެލެޓް އަށް އެންމެ ޕޮއިންޓެއްވެސް ލިބިފައެއްނުވެއެވެ. ދެޓީމަށްވެސް އެއް މެޗު ބާކީ އޮތް ނަމަވެސް ޗެމްޕިއަންސް ލީގުން ކަޓައި، ޔޫރޮޕާ ލީގުން ފުރުސަތެއް ލިބޭނެއެވެ.