2013 ވަނަ އަހަރުގެ ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވެފައިވާ ކަމަށާއި އެ ވާހަކަ ބައެއް ފަރާތްތަކުން ބުނެމުންދާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ފަރާތްތަކެއް ކަމެއް އަދި އެހެން ވިދާޅުވީ ފުލުހުންގެ ކޮން އޮފިޝަލެއް ކަމަށް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.
ނަޝީދުގެ ޓްވީޓްގައި ވަނީ 2013ގެ އިންތިހާބު އޮޅުވާލި މައްސަލަ މިނިވަން ކޮމިޝަނަކުން ބެލުމަށް ގޮވާލައްވާފައެވެ.
2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން އޭރު ވެސް ތުހުމަތު ކުރިއެވެ. ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމީޔާބުކުރެއްވީ ފަސްހާހެއްހާ ވޯޓުގެ ތަފާތުންނެވެ.