ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދްމާވަތީ" އިންޑިއާގެ ގުޖްރާތުގައި ވެސް ދެއްކުމުގެ ހުއްދަ ނުދޭނެކަމަށް އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ ވިދާޅުވެއްޖެ އެވެ.
ވިޖޭ ރުޕާނީ ވިދާޅުވި ގޮތުގައި މި ފިލްމާއި ގުޅިގެން ކްޝަތްރިޔަ އަދި ރާޖްޕުތް ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ތިބި ކަމަށާއި، އެމީހުންގެ އިހުސާސްތަކަށް ގުޖްރާތްގެ ސަރުކާރުން އިޙްތިރާމް ކުރާ ކަމަށާއި އެހެންކަމުން ގުޖްރާތްގައި "ޕަދްމާވަތީ" ރިލީޒް ކުރުމުގެ ހުއްދަ ނުދޭން ނިންމީ ކަމަށެވެ.
ދީޕިކާ ޕާޑުކޯން އާއި ރަންވީރް ސިންގްގެ އިތުރުން ޝާހިދް ކަޕޫރް ލީޑް ރޯލްތަކުން ފެނިގެންދާނެ މި ފިލްމާއި ބެހޭގޮތުން އިންޑިއާގެ ގިނަ ރައްޔިތުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި މި ފިލްމްގައި ދައްކުވައިދޭ ބައެއް ވާހަކަތަކަކީ ހަޤީގަތާއި ޚިލާފް އަދި ރާނީ ޕަދްމިނީގެ ޤަދަރު ގެއްލޭ ގޮތަށް ގެނެސްދީފައިވާ މަންޒަރުތައް ކަމަށެވެ.
މި ފިލްމް އިންޑިއާގައި ރިލީޒް ކުރުން މަނާކުރުމަށް ގިނަ ރައްޔިތުންނާއި އެހެނިހެން ޖަމިއްޔާތަކުން ވެސް ދަނީ އެދެމުންނެވެ.
ދާދިފަހުން މަދްޔަ ޕްރަދޭޝްގައި ވެސް މި ފިލްމް ދެއްކުން ވަނީ މުޅިން މަނާކޮށްފަ އެވެ. އެގޮތުން މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޝިވްރާޖް ސިންގް ޗޯހަން ވިދާޅުވީ ސެންސަރު ބޯޑްގެ ސެޓްފިކެޓް ލިބުނުނަމަވެސް އެ ސްޓޭޓްގައި ފިލްމް ދެއްކުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.
"ޕަދްމާވަތީ" ރިލީޒް ކުރުމަށް ކުރިން ހަމަޖެހިފައި އޮތީ 1 ޑިސެމްބަރުގައި ނަމަވެސް، މިހާރު އެ ތާރީޚް ވަނީ ވަކި މުއްދަތެއްނެތް ގޮތަށް ފަސްކުރެވިފަ އެވެ.