Last Updated: June 28, 20:14
Sunday, June 28, 2026
ދުނިޔެ

ރޮހިންޔާ މުސްލިމުން އެނބުރި މިޔަންމާ އަށް ފޮނުވަން އެއްބަސް

މިޔަންމާގެ އަސްކަރިއްޔާއިން ދެމުން ގެންދިޔަ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި އެޤައުމުން ފިލައިގެން ބަންގްލަދޭޝަށް ދިޔަ ރޮހިންޔާ މުސްލިމުން އެނބުރި މިޔަންމާ އަށް ފޮނުވުމަށް ބަންގްލަދޭޝް އިން އެއްބަސްވެއްޖެ އެވެ.

ބަންގްލަދޭޝް އާއި މިޔަންމާއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައި ނުވެއެވެ.

ބަންގްލަދޭޝް އިން ބުނަނީ މިއީ "ފުރަތަމަ ފިޔަވަޅެއް" ކަމަށެވެ. އަދި މިޔަންމާއިން ބުނާ ގޮތުގައި އެޤައުމުން ތިބީ ރޮހިންޔާ މުސްލިމުން ވީހާވެސް އަވަހަށް ޤައުމަށް އެނބުރި ގެނައުމަށް ތައްޔާރަށް ކަމަށެވެ.

އެހީދޭ ޖަމިއްޔާތަކުން ވަނީ ރޮހިންޔާ ރައްޔިތުންގެ ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއްނެތި ގަދަކަމުން އެނބުރި މިޔަންމާ އަށް ފޮނުވުމާއިމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރޮހިންޔާ ރައްޔިތުންނަކީ މިޔަންމާގައި ގިނަ އަހަރުތަކެއް ވަންދެން އެކިއެކި އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ ނަސްލެކެވެ. އެގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު މިޔަންމާގައި އުފެދުނު ހަމަނުޖެހުންތަކުން ސަލާމަތްވުމަށްޓަކައި 600،000 އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

އެހެންނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ރޮހިންޔާ ރައްޔިތުންނާއިމެދު އެ އަސްކަރިއްޔާއިން ކުރި ކަމަށް ތުހުމަތު ކުރެވޭ ހުރިހާ ކުށްތަކަށް އިންކާރު ކޮށްފައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ރޮހިންޔާ ރައްޔިތުން މެރުމާއި އެމީހުންގެ ގެތަކުގައި ރޯކޮށް އެންދުމާއި އަންހެނުންނާއި ކުޑަކުދިން ރޭޕްކުރި ކަމާއި އެމީހުންގެ މުދާތައް ވަގަށް ނެގިކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އެހެންނަމަވެސް އަސްކަރިއްޔާއިން އެފަދަ ޖަރީމާތައް ހިންގި ކަމުގެ ހެކިތައް ދުނިޔޭގެ އެންމެ މަޝްހޫރު ނޫސް އޭޖެންސީތަކުން ވަނީ ހޯދާފައެވެ.