Last Updated: June 8, 13:26
Monday, June 8, 2026
ރިޕޯޓް

ދެ މަސް ތެރޭގައި ފަށަން ބުނި ގެސްޓްހައުސް މަޝްރޫއު ނުފެށި 7 މަސް!

ފާއިތުވި އޭޕްރީލް މަހުގެ 22 ވަނަ ދުވަހު މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ގެސްޓް ހައުސް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫޢެއް އިއުލާން ކުރިއެވެ.

އެ މި މަޝްރޫއާ ބެހޭ ގޮތުން، އެ ދުވަހު ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ އެއީ ވަރަށް ތާރީހީ ކަމެއް ކަމަށާއި ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށެވެ.

މިނިސްޓަރު ޒަމީރު އެހެން ވިދާޅުވި ފަހުން، 7 މަސް ދުވަސް ވެއްޖެއެވެ. މިހާތަނަށް އައި އިރު ވެސް އެ މަޝްރޫޢެއް ނުފެށެއެވެ. އަދި ފަށައިގަނެވޭނެ ކަމުގެ އުއްމީދެއް ވެސް ނެތެވެ.

ސަބަބަކީ، ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫޢާއި ބެހޭ އެއްވެސް ވާހަކައެއް ސަރުކާރުގެ ފަރާތުން ރައްޔިތުންނާއި ހިއްސާކޮށްފައި ނުވުމެވެ.

ގެސްޓް ހައުސް ތަރައްޤީ ކުރުމުގެ މަޝްރޫޢު އިއުލާންކުރި ދުވަހު މިނިސްޓަރ ޒަމީރު ވިދާޅުވެފައި ވަނީ، މި ފެށޭ ޕްރޮޖެކްޓުގެ ސަބަބުން ވަޒީފާތައް އިތުރު ވެގެންދާނެ ކަމަށާއި އަމާޒަކީ 3،000 އަށް ވުރެ ގިނަ ފަތުރުވެރިކަމުގެ އެނދު އައްޑޫއަށް އިތުރު ކުރުން ކަމަށެވެ.

އެމްއައިޓީޑީސީން އިއުލާން ކުރި ގެސްޓް ހައުސް މަޝްރޫޢޫ

* އަޅާނީ 25 ކޮޓަރީގެ ގެސްޓްހައުސް ތަކެއް
* 3000 އަށް ވުރެ ގިނަ ފަތުރުވެރިކަމުގެ އެނދު
* ގެސްޓް ހައުސް އެއްގެ އަގު އުޅެނީ 3.8 މިލިއަން ރުފިޔާ އަށް.
* މާކެޓް ކުރުމާއި ތަރައްގީ ކުރުން އެމްއައިޓީޑީސީ އިން.
* ގެސްޓްހައުސް ހުންނާނީ ބޭރުން ގެނެސް ރާވާ ގޮތަށް

 

އައްޑޫގައި އެމްއައިޓީޑީސީން އިއުލާންކުރި ގެސްޓް ހައުސް މަޝްރޫއާ ބެހޭ ގޮތުން، އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވެސް ވަރަށް އުއްމީދީ ވާހަކަތަކެއް ދެއްކެވިއެވެ.

ޝާހިދު ވިދާޅުވެފައިވަނީ، 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމަން ޕްލޭން ކޮށްފައިވާ ކަމަށެވެ.

ފަތުރުވެރިކަން ކުރިއެރުވުމަކީ ޒަމާނުއްސުރެ އައްޑޫގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެކެވެ. ރައީސް ޔާމީންގެސަރުކާރަށް 4 އަހަރު ވެގެން ގޮސްފައިވާއިރު އެ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށް އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ.

ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ގޮތުން ކުރެވުނުހާ ވެސް ކަމަކީ، އިންތިހާބު ތަކާއި ދިމާކޮށް ފޮނި ވާހަކަ ދެއްކުމާއި އެކި އެކި މަޝްރޫޢުތައް އިއުލާން ކުރުމެވެ. އިންތިހާބު ނިމުމާއި އެކު އެވާހަކަ ތަކާއި މަޝްރޫޢުތައް މަތިން ސަރުކާރުން ހަނދާން ނައްތާލައެވެ.