Last Updated: June 8, 13:26
Monday, June 8, 2026
ޚަބަރު

10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުން ހުޅުމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސުޕްރީޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ހުޅުމާލެއިން ކަމަށެވެ.

މޫސާ އަލީ ވިދާޅުވީ، މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުން ކަމަށެވެ.

މޫސާ އަލީ ވިދާޅުވީ، އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭނާ އުޅެމުންދާ ސައިޓް ބަލާ ފާސްކުރިއިރު މަސްތުވާތަކެތީގެ ތިން ބާވަތެއް ފެނިފައިވާކަމަށެވެ.

"ހެރޮއިން ނުވަތަ ބްރައުން ޝުގާ ގިނަ އަދަކަށް ފެނިފައިވޭ. އަދި އެގޮތަށް ހޭޝް އޮއިލް ނުވަތަ ކެނެބިސް ވަރަށް ގިނަ އަދަދަކަށް ފެނިފައިވޭ. ހަމައެއާއެކު ކްރިސްޓަލް މެތް ވަރަށް ގިނަ އަދަދެއްގެ ޑްރަގް ފެނިފައިވޭ". މޫސާ އަލީ ވިދާޅުވިއެވެ.

މޫސާ އަލީ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މަގުމަތީ އަގު ދިހަ މިލިއަން ފަސްދޮޅަސް ހާސް ހަތަރު ސަތޭކަ ދިހަ ރުފިޔާއަށް އަރާނެއެވެ.