އުރުދުންގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުތަކާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއްގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
މިވަފުދު ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ޚާއްސަ ދައުވަތެއްގައެވެ. ރާއްޖެއާއި އުރުދުންއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން އައި މިވަފުދުގައި އުރުދުންގެ ގްލޯބަލް މޮޑެރޭޝަން ފޯރަމްގެ ސެކެޓްރީ ޖެނެރަލް، އީއެންޖީ މަރުވާން އަލް ފާއޫރީ އާއި އެގައުމުގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަހުމަދު ސަލާމް ހަލައިގާ ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިވަފުދުގެ މައިގަނޑު މަގުސަދަކީ ދީނީ ހަރުކަށިކަމާއި ހައްދުފަހަނަޅައިދިއުން ނައްތާލުމާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށް އުރުދުންގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެވޭނީ ކޮން އެހީއެއްތޯ ބަލައި މުއައްސަސާތަކާ ގުޅުން ބަދަހި ކުރުން ކަމަށެވެ.
މިމަހުގެ 21 އިން 25 އަށް ރާއްޖެއަށް ކުރާ މިޒިޔާރަތުގައި އިއްޔެ ވަފުދުގެ ބޭފުޅުން ވަނީ ރާއްޖޭގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަރީފާއި ވެސް ބައްދަލުކޮށް ޓެރަރިޒަމާ ދެކޮޅަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ދިވެހި ރާއްޖެއަކީ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކާއި ގުޅުމަށް ގައުމު ދޫކޮށް އެންމެ ގިނަ ބަޔަކު ނިސްބަތުން ދާ ގައުމުކަމަށް ރިޕޯޓުތައް ބުނެއެވެ.