Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ޒިމްބާބުވޭގެ އާ ރައީސް ނަންގާގްވާއަކީ ކާކު؟

ޒިމްބާބުވޭގައި މިދިޔަ ދެހަފްތާތެރޭގައި އުފެދުނު ސިޔާސީ ކޯޅުންތައް މިހާރުމިވަނީ ނިމުމަކާ ގާތަށް އައިސްފައެވެ.

މަސްރަހު ބަދަލުވެގެން އައިއިރު އަސްކަރިއްޔާގެ ފިއްތުން ތަކާހެދި ރައީސް ރޮބަޓް މުގާބޭ ވަނީ މަގާމުން އިސްތިއުފާދެއްފައެވެ. އަދި މުގާބޭގެ ފަހުން ރައީސްކަމަށް އައުމަށް މަސައްކަތްކުރި މުގާބޭގެ އަންހެނުން ގްރޭސް މިވަނީ ގައުމުދޫކޮށް ގޮސްފައެވެ. ގްރޭސް އަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިމިވަނީ މުގާބޭައަށް ވަފާތެރިކޮށް އެތައް އަހަރެއް ހިދުމަތުގައި ހޭދަކޮށްފައިވާ ނައިބްރައީސް އެމަސަން ނަންގާގުވާ އާ ދެކޮޅަށް ހިންގުނު ހަރަކާތުގެތެރެއިންނެވެ.

ޒިމްބާބުވޭގެ ރައީސްކަމުން މުގާބޭގެ އިސްތިއުފާ ދެއްވުމުން ދައުރު ފުރިހަމަ ކުރައްވާނީ އެމާސަން ނަންގާގުވާ ކަމަށް އެގައުމުގެ ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީން ވަނީ ހާމަކޮށްފައެވެ. އަދި ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީން ވަނީ އާދިއްތަ ދުވަހު އެޕާޓީގެ ލީޑަރު ކަމަށްވެސް ނަންގާގުވާ އައްޔަންކޮށްފައެވެ. މީގެއިތުރުން އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ ވެސް ނަންގާގުވާ ކަން މިހާރުވަނީ ޔަގީންކުރެވިފައެވެ.

ނަންގާގުވާ އަކީ ޒިމްބާބުވޭ މިނިކުރުމަށް ހިންގުނު ހަރަކާތްތަކުގައި "ކިނބޫ" ގެ ނަމުން މަޝްހޫރުވެފައިވާ ޒިމްބާބުވޭގެ އަސްކަރިއްޔާގައި މަގުބޫލު ފަހުލަވާނެކެވެ.
ޒިމްބާބުވޭގެ ހުޅަނގުދެކުނު ސަރަހަދަށް 1942 ވަނަ އަހަރު އުފަންވެ ވަޑައިގަތް ނަންގާގުވާ އަވައްޓެރި ޒަމްބިއާ އަށް ހިޖުރަކުރިއިރު ޒިމްބާބުވޭގައި ތައުލީމީ ހަޔާތްވަނީ ފުރިހަމަ ކުރައްވާފައެވެ. އެނބުރި ގައުމަށް ވަޑައިގެން އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގަ ނަންގާގުވާ ފުރަތަމަ ބައިވެރިވެފައިވަނީ 1966 އަހަރުގައެވެ. މިސްރާއި ޗައިނާ އިން ހަނގުރާމައިގެ ތަމްރީނުތައް ހައްދަވައިގެން ޒިމްބާބުވޭގައި ކުރެވުނު ހަނގުރާމައިގެ މުހިންމު ދައުރެއް ނަންގާގުވާ ވަނީ އަދާކުރައްވާފައެވެ.

އޭރު ޒިމްބާބުވޭ މިނިވަންކަން ހޯދުމަށް ހިންގުނު ހަނގުރާމައިގެ ތެރެއިން ނަންގާގުވާ ހައްޔަރުކުރެވި މެރުމަށް ހުކުމްކޮށްފައިވެއެވެ. ނަމަވެސް ނަންގާގުވާގެ ޒުވާން އުމުރުގެ ސަބަބުން މަރުގެ އަދަބު ވަނީ ފަހުން 10 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.

1980 ވަނަ އަހަރު ޒިމްބާބުވޭ މިނިވަންވުމަށްފަހު ހިންގުނު ބޮޑެތި އަސްކަރީ ހަރަކާތްތަކުގައި އިރުޝާދުދިނުމަށް އިސްކޮށް ހަރަކާތްތެރިވެފައިވަނި ނަންގާގުވާއެވެ.
ރައީސް މުގާބޭ ވަނީ ނަންގާގުވާ ވަރަށް ޒުވާން އުމުރުގައި ޒިމްބާބުވޭގެ މިނިސްޓަރ އޮފް ނެޝަނަލް ސެކިއުރިޓީގެ މަޤާމަށް އައްޔަންކުރައްވާފައެވެ. އޭގެފަހުން ނަންގާގުވާ އަންނަނީ ޒިމްބާބުވޭގެ ކެބިނެޓުގައި އަދި ވެރިކަންކުރާ ޕާޓީގައި މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. ނަމަވެސް އެކިދުވަސްވަރު ރައީސް މުގާބޭއާ އޮންނަ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައިވެއެވެ.

މިގޮތުން ނައިބުރައީސްކަން ހޯދަން އުޅޭކަމަށް ތުހުމަތުކޮށް 2004 ވަނަ އަހަރު ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީގައި ނަންގާގުވާ ފުރުއްވަމުން ގެންދެވި ސެކެރެޓަރީ ފޯރ އެޑްމިނިސްޓރޭޝަންގެ މަގާމުން ވަނީ ވަކިކޮށްފައެވެ.

އޭގެފަހުން 2008 ވަނަ އަހަރު މުގާބޭ ވަނީ ނަންގާގުވާ ޗީފް އިލެކްޝަން އޭޖެންޓަކަށް އައްޔަންކޮށް ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑް ބެލެހެއްޓުމަށް ހަވާލުކޮށްފައެވެ. އެހެންކަމުން ނަންގާގުވާ އަކީ އެމެރިކާ އާއި ޔޫރަޕުން މުގާބޭ އާ ސަރުކާރުގެ އިސްއޮފިޝަލުންނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ޝިކާރައަކަށް ވެފައިވާ ފަރާތެކެވެ.

ބައެއް ފަރާތްތަކުން ދެކޭގޮތުގައި އާ ރައީސް ގެ ގޮތުން ނަންގާގުވާ އަކީ ޒިމްބާބުވޭ އަށް ހަމަޖެހުން ގެނުވިދާނެ ފަރާތެކެވެ. ވެރިކަމުގެ ނިޒާމުގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ނަންގާގުވާ ވަނީ ޒިމްބާބުވޭ އަށް ޑިމޮކްރަސީ ގެނެސް އާ އުސްމިންތަކަކަށް ގައުމު ގެންދާނެކަމުގެ ވައުދުވެފައެވެ.