ހަގީގީ ތަރައްގީ އަކީ މާލެއަށް މީހުން ތޮއްޖެއްސުން ނޫން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ފެށި ހިޔާ މަޝްރޫއާއެކު މާލެ އައުމަސް ރައީސް އަބްދުﷲ ޔާމީން ވަނީ ގޮވާ ލައްވާފައި ވާތީ، އެކަމަށް އިޝާރާތް ކުރައްވައ އަނާރާ ވިދާޅުވީ، މާލެ އަށް ރައްޔިތުން ޖަމާ ކުރުމަކީ ހައްލެއް ނޫން ކަމަށާއި ހަގީގީ ތަރައްގީއަކީ ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ އުތުރާއި ދެކުނު ވެސް ތަރައްގީ ކުރުން ކަމަށެވެ.
އަނާރާ ވިދާޅުވީ ބޮޑު ތިލަދުންމަތީގެ އާބާދީގެ 21 އިންސައްތަ މާލެ ސަރަހައްދުގައި އުޅެން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި އެހެން ވެފައިވަނީ ވަޒީފާއާއި ތައުލީމާއި ބޭސްފަރުވާގެ ފުރުސަތު އެކަށީގެންވާ ގޮތުގައި ބޮޑު ތިލަދުންމަތިން ނުލިބޭތީ ކަމަށް އަނާރާ ވިދާޅުވިއެވެ.
މީގެ އިތުރުން އަނާރާ ވިދާޅުވެފައި ވަނީ އަމިއްލަ ވަޒަންތައް ދޫކޮށް މާލެ އައިސް ކުލި ދައްކައިގެން ދަތި ހާލުގައި އުޅެން ޖެހުމުން އާއިލާތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.