ސަރުކާާރުގެ "ހިތް ހެޔޮކަމުން" އަދި ބައެއް ބޭފުޅުން 'ގޯނިތަކުގައި' ގެނެސްދޭ ހަދިޔާތަކުގެ މަންފާހޯދައި ކުލި ދައްކަން ނުޖެހޭ ފިނި ކޮޓަރިތަކާއި މަޑު ދާންތަކުގައި ނިދިކުރައްވައި އާދައިގެ ރޯގާއަކަށްވެސް އާސިޔާނުގެ ޤައުމުތަކުގެ ޑޮކްޓަރުންގެ ފަރުވާލިބޭ މަތީ ފަންތީގެ ޢިއްޒަތްތެރިންނަށް މިވާހަކަ ފަހުމުވާން ދަތިވެދާނެއެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މި ހަގީގަތް ޤަބޫލުކުރަން ބޭނުން ނުވިޔަސް، ސަރުކާރުގެ އޮތީ އެންމެ ސިޔާސަތެކެވެ. އެއީ ގްރޭޓަރ މާލެ ތޮއްޖެއްސުމުގެ ސިޔާސަތެވެ.
ސަރުކާރުގެ ހުރިހާ ސިޔާސަތެއް ހުރީ އެ އަމާޒަށް ވާސިލްވުމަށެވެ. އެ ސިޔާސަތަށްޓަކައި ޤާނޫނުއަސާސީ އިން އެކަށެއެޅި ލާމަރުކަޒީ ނިޒާމްވެސް ފުނޑާލީއެވެ. ފަހަރަކު ބާރެއް އަތުލަމުންގޮސް ކައުންސިލްތައް ވެސް ޤަބުރުސްތާނުތަކަށް ހެދީއެވެ.
ސަަރުކާރުން ބާރު ސްޕީޑްގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާކަމަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވާއިރު މާލެ އަށް ރައްޔިތުން ހިޖުރަކުރުމާއި އެކި ބޭނުންތަކަށް ދެއިރު ދެދަޅައަށް އަންނަންޖެހުން ހުއްޓޭ ފަދަ އެއްވެސް ކަމެއް އަތޮޅު ތެރޭގެ ރަށްރަށުގައި ކުރޭތޯ ސުވާލުކުރައްވާށެވެ.
ރަށުގައި ފުޓްސެލް ދަނޑެއް އެޅުމުން ޒުވާނުންނަށް ވަޒީފާ ލިބޭ ހެއްޔެވެ؟ ޑޮކްޓަރަކު ނެތި ރަށުގައި ހުޅުވާ ބޭސްފިހާރައަކުން ސިއްޙީ ޚިދުމަތް ފުރިހަމަވީ ހެއްޔެވެ؟ ރަށުގެ މަގެއްގައި ތާރު އެޅުމުން އެރަށް ތަރައްޤީ ކުރެވުނީ ހެއްޔެވެ؟
މާލެ ފިޔަވައި ރަށަކަށް ކަމެއް ކޮށްދޭން ވެއްޖެ ނަމަ ބަޖެޓް ލިބޭކަމަކަށް ނުވެއެވެ. އެހެންވިޔަސް ބޮޑެތި ލޯނުތައް ނަގައިގެން ދެއިރު ދެދަޅަޔަށް މާލޭގައި ބޭނުން މަޝްރޫޢެއް ހިންގެއެވެ.
އަތޮޅު ތެރެއަށް ނަޒަރު ހިންގާލާއިރު، ކޮންކްރީޓް މަސައްކަތް ނިމުނުތާ އެތައް އަހަރުތަކެއްވީ ސްކޫލްތަކުގެ މަސައްކަތްތައް ނިންމައިދޭނެ ފައިސާއެއް ބަޖެޓު "ތާށިކަމުން" ލިބޭކަށް ނޯވެއެވެ. ނަރުދަމާ އަޅައިދޭން ބުނެ ކުރި ވަޢުދުތައް ވެސް ނުފުއްދިގެން އުޅޭ ސަބަބަކީ ދައުލަތުގެ "ތާށި" ކަމެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫ ވެގެންދާނީ އީއީޒެޑްގެ ދެކުނުގެ މައި ދޮރާށިކަމަށް ރައީސް ޔާމީން އެންމެ "ލޯބިވި" ކުރީގެ ނައިބު ރައީސް އަދީބު ވެސް ވިދާޅުވިއެވެ. އައްޑޫގައި އައިޓީ ޕާކެއް ތަރައްޤީކުރާނެ ވާހަކަ ވިދާޅުވީ ޚުދު ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ވެރިކަމަށް 4 އަހަރުވެގެން ދިޔައިރުވެސް އެ އައިޓީ ޕާކުގެ ވާހަކަ އެއް ނުދައްކަވައެވެ.
އައްޑޫގެ ޓުއަރިސްޓް އެނދުތަކުގެ ޢަދަދު 5000 އަށް މަތިކުރާނެ ކަމަށް ބުނެ ވެވަޑައިގެންނެވި ވަޢުދެވެ. އެ ވައުދު ފުރިހަމަ ނުކުރެވި ވެރިކަމަށް 4 އަހަރު ފުރިއްޖެއެވެ. މި ސަރުކާރުން އައްޑޫގައި ޓޫރިޒަމް ކުރިއަރުވަން ވެގެން ފަށަން ބުނި އެއްވެސް މަޝްރޫޢެއް ނުފެށެއެވެ. ފެށޭނެ ދުވަހެއް ވެސް ނޭނގެއެވެ.
ރާއްޖޭގެ ރަށްތައް ފަޅުކޮށް މާލޭ ސަރަޙައްދު ތޮއްޖެއްސުމުގެ ސިޔާސަތު ސަރުކާރުގެ އޮތްކަން ބުނަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރަށްތަކުން މީހުން މާލެއަށް ހިޖުރަކޮށް ކުލީގެ އަޅުވެތިކަމުގައި އުމުރު ފަނާކޮށްލަން މަޖުބޫރުކުރުވާ ސަބަބުތައް ނައްތާލުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާތީއެވެ. އަދި ހަމަ އެހެންމެ އެ ސަބަބުތައް ދަމަހައްޓަން އެހީތެރިވެދޭތީއެވެ.
އައްޑޫ އިން އެންމެ ގިނަ މީހުން މާލެ އަންނަނީ ސިއްޙީ ޚިދުމަތް ހޯދުމަށާއި ވަޒީފާއަށެވެ. އެކަން ހައްލުކުރުމަށް ބޭނުންވާ ނަމަ ސަރުކާރުން އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟
މިސާލަކަށް ބަލާއިރު އައްޑޫ އިން ނަރުސް ކޯސް ހެދެއެވެ. ޑިގްރީއާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ފަހިވެފައެވެ. އެހެނަސް ޑިގްރީ ނުވަތަ ނަރުސް ކޯސް ނިންމާފައި ވެސް ވަޒީފާ ހޯދަން ގްރޭޓާރ މާލެއަށް އަންނަން މަޖުބޫރުކުރުވަނީ ސަރުކާރުގެ ސިޔާސަތެވެ.
އެ ސިޔާސަތު ބަދަލުކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރުމަކީ، އަތޮޅުތެރޭގެ ރަށްތައް ފަޅުކޮށް މާލޭ ސަރަޙައްދު ތޮއްޖެއްސުމުގެ ސިޔާސަތު ކުރިއެރުވުން ނޫން ކޮންކަމެއް ހެއްޔެވެ؟
ދޭތެރެއަކުން ރައީސުލްޖުމްހޫޜިއްޔާ ވެސް މާލެ އަންނާށޭ ވިދާޅުވުމަކީ އެ ސިޔާސަތު ތަންފީޒުކުރަން ސަރުކާރުން ބޭނުންވާ މިންވަރު ނޫން ހެއްޔެވެ؟