Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

ކަނބަލުން ރުހޭ މީހަކާ ކައިވެނި ކުރުމުގެ ހައްގު ލިބިގެންވޭ: ޚުތުބާ

ކައިވެންޏަކީ އަންހެން ކުއްޖަކަށް އެންމެ މުހިއްމު ކަން ކަމަށާއި ކައިވެނި ކުރުމުގައި އެ ކަނބަލުން ރުހޭ މީހަކާ ކައިވެނި ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދު އިއްވި ޚުތުބާގެ މައުޟޫއަކީ، "އިސްލާމް ދީނުގައި އަންހެނުނަށް ދީފައިވާ ދައުރު" އެވެ.

އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވާ ދައުރަށް އަލިއަޅުވާލާފައިވާ ޚުތުބާގައި ބުނެފައިވަނީ، ކަނބަލުން ނުރުހޭ މީހަކާ މަޖުބޫރުން ކައިވެނި ކުރުވުން ހުއްދަވެގެން ނުވާ ކަމަށެވެ.

އަންހެނުނަށް ދޭން ޖެހޭ ހައްގު މަގާމު ލިބިގެން ދިޔައީ އިސްލާމްދީން ވުޖޫދަށް އައި ހިސާބުން ކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އިސްލާމް ދީން ބާރު އަޅަނީ އެ ކަނބަލުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި އަންހެން އަދި ފިރިހެން ކުދިންގެ މެދުގައި ތަފާތު ނުކުރުމަށާއި ހުރިހާ ކުދިންނާ މެދު ވެސް އިންސާފުން ކަންކަން ކުރުމަށް ގޮވާލާފައެވެ. އަދި ފިރިހެން ދަރިންނަށް އޯގާތެރިވާ ފަދައިން އަންހެން ދަރިންނަށްވެސް އޯގާތެރިވުމަށް ދީން ބާރު އަޅާކަމަށް ޚުތުބާގައި ބުނެފައިވެއެެވ.

ހުތުބާގައި ބުނެފައިވަނީ، އަންހެން ދަރީންނަށް ވެސް ތައުލީމް އުނގެނުމުގެ ހުރިހާ ފުރުޞަތެއް ހޯދައިދޭން ޖެހޭ ކަމަށާއި އެ ދަރީންނަށް އަސާސީ ހުރިހާ ވަސީލަތެއް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އަދި އަންހެން ދަރިއަކު ލިބި އެ ކުއްޖާއަށް ހެޔޮކޮށްހިތައި ތައުލީމް އުނގަންނައިދީ އަދި ހެޔޮގޮތުގައި ތަރުބިއްޔަތުކޮށްފި މީހަކަށް ދެ ހެޔޮކަން ލިބިގެން ދާނެ ކަމަށް ރަސޫލާ صلى الله عليه وسلم އަންގަވާފައިވާ ކަމަށެވެ.