Last Updated: June 28, 20:14
Sunday, June 28, 2026
ރިޕޯޓް

އެންމެ އުފާވެރި ޤައުމަކީ ނޯވޭ: ސިއްރަކީ ކޮބާ؟

ކޮންމެ އަހަރަކުވެސް އދ ގެ ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް ސޮލިއުޝަންސް ނެޓްވޯކް އިން ދުނިޔޭގެ އުފާވެރިކަމުގެ ރިޕޯޓް ޝާއިރުކުރެ އެވެ. އާނެސްޓޯ އިލީ ފައުންޑޭޝަންގެ އެހީއާކު ޝާއިރުކުރާ މި ރިޕޯޓްގައި ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެންމެ އުފާވެރި ޤައުމްތަކުގެ ލިސްޓެއް ހިމެނެއެވެ. އެގޮތުން މި އަހަރު މި ލިސްޓްގެ އެއްވަނަ ހޯދާފައި ވަނީ ނޯވޭ އިންނެވެ.

މި އަހަރުގެ އެންމެ އުފާވެރި ޤައުމަކަށް ނޯވޭ ހޮވިފައިވާއިރު، މީގެ ކުރިންވެސް އެ ލިސްޓްގެ އެއްވަނަ ހޯދަމުން އައިސްފައި ވަނީ ސްކެންޑިނޭވިއަން ޤައުމްތައްކަން ފާހަގަކޮށްލަން ޖެހެއެވެ. މި ޤައުމްތަކަކީ އަނދިރި އަދި ދިގު ފިނި މޫސުމަކާއި ކުރިމަތިލާން ޖެހޭ ޤައުމްތަކަކަށް ވީނަމަވެސް، ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ އުފާވެރި މީހުން ދިރިއުޅެނީ މި ޤައުމްތަކުގަ އެވެ.

އަޅުގަނޑުމެން ވިސްނާލަން ޖެހޭ ތަންކޮޅަކީ، ދުނިޔޭގެ އެހެން ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށްވުރެ އުފާވެރިވުމަށްޓަކައި އުތުރު ޔޫރޮޕްގެ ޤައުމްތަކުގެ ރައްޔިތުން ކުރަނީ ކޮންކަމެއް ކަމާމެދު އެވެ.

މި ސުވާލުގެ ޖަވާބަކީ އެ ޤައުމުގެ ރައްޔިތުންނާއި ސަރުކާރުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި ހިންގާ ޕްރޮގްރާމްތަކެވެ. ހުރިހާ ރައްޔިތުން ވެސް ބޭނުންވާނެ އެންމެ މުހިންމު އެއް ކަމަކީ ރައްކާތެރިކަމެވެ. މީގެ އިތުރުން އިތުބާރުކުރެވޭ މުޖުތަމަޢުއެއް ބިނާކުރުމުން ވަކިވަކި ރައްޔިތުންނަށް ވެސް އޭގެ ފައިދާ ލިބެއެވެ. ސްކެންޑިނޭވިއަން ޤައުމްތަކަކީ ދުނިޔޭގެ އެހެން ޤައުމްތަކަށްވުރެ މިފަދަ އެއްބައިވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގައި ކާމިޔާބުވެފައިވާ ޤައުމްތަކެކެވެ.

އދ. އިން ޝާއިރުކުރި ރިޕޯޓްގެ އެސޯސިއޭޓް އެޑިޓަރެއް ކަމުގައިވާ ޑރ. ޖެން-އިމޭނުއެލް ޑި ނީވީ ވިދާޅުވާ ގޮތުގައި ސްކެންޑިނޭވިއަން ޤައުމްތަކަކީ އިޖުތިމާޢީ އެއްބާރުލުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ޤައުމްތައް ކަމަށާއި، ލިސްޓްގެ އެންމެ މަތީގައި ހިމެނިފައިވާ ޤައުމްތަކަކީ ދާޚިލީ ހަމަނުޖެހުންތަކުން ދުރު ޤައުމްތައްކަން ފާހަގަވާނެ ކަމަށެވެ.

ޑރ. ނީވް އާއި ދިރާސާގެ އެޑިޓަރު ޕްރޮފެސަރ ޖޯން ހެލިވެލް ވިދާޅުވާ ގޮތުގައި ލިސްޓްގެ ފުލުގައިވާ ޤައުމްތަކަށްވުރެ މަތީގައިވާ ޤައުމްތަކުގެ ރައްޔިތުންނަށް މަގުމަތިން މީހެއްގެ ވޮލެޓެއް ފެނިއްޖެނަމަ، އެ ވޮލެޓް އޭގެ ވެރިފަރާތަށް ރައްދު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެއީ ދިރާސާގެ އެޑިޓަރުން ބުނާ ގޮތުގައި "އިޖުތިމާޢީ އެއްބާރުލުން" އެވެ.

މުޖުތަމަޢުގައި އެއްބައިވަންތަކަމުގެ ރޫހު އަށަގެނައުމަކީ އުނދަގޫ ކަމެކެވެ. އެހެންނަމަވެސް ޕްރޮފެސަރ ހެލިވެލް ވިދާޅުވާ ގޮތުގައި ރައްޔިތުން އުފާވެރިކުރުމަށް ބޭނުންވާ ސަރުކާރުތަކުން އިސްނަގައިގެން މުޖުތަމަޢު ތެރޭގައި އެކިއެކި ޙަރަކާތްތައް ރާވާ ހިންގަން ޖެހޭނެ ކަމަށެވެ.

"މީހުން އެކަކު އެނަކާއި ބައްދަލުވެ ވާހަކަ ދެއްކޭނެފަދަ ރަނގަޅު އިޖްތިމާޢީ ތަންތަން އުފެއްދުމަކީ ފެށުމެއް. މީހުން އެއްބައިވަންތަކޮށް އެކަކު އަނެކަކަށް އެހީތެރިވުމަށް ޖެއްސުވުމުން އަމިއްލަ ނަފްސުގެ އިތުރުން މުޖުތަމަޢު އާއި މެދުވެސް ހިތްހަމަޖެހޭނެ"، ޕްރޮފެސަރ ހެލިވެލް ވިދާޅުވެއެވެ.

ޑރ. ނީވީ ޤަބޫލުކުރާ ގޮތުގައި ވަޒީފާގެ ރައްކާތެރިކަމާއި މަސައްކަތް ކުރާ މައިދާނުގެ ޙާލަތު ރަނގަޅު ކުރުމަކީ އުފާވެރިކަމުގެ މިންވަރަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަންތައްތަކެއް ކަމަށެވެ.

"މާ ފަސޭހައިން ވަޒީފާ ދީ ނުވަތަ ވަޒީފާއިން ކަނޑާލާ ތަންތަނުގައި މަސައްކަތް ކުރުމަކީ މީހުންނަށް އުފާވެރި ކަމެއް ނޫން"، ޑރ. ނީވީ ވިދާޅުވެއެވެ. މީގެ އިތުރުން ޕްރޮފެސަރ ހެލިވެލް ވެސް އެއްބަސްވެވަޑައިގަންނަވާ ފަދައިން ސްކެންޑިނޭވިއާ އިން ރާވާ ހިންގާފަދަ ވަރުގަދަ 'އަންއެމްޕްލޮއިމެންޓް' ނުވަތަ ވަޒީފާ އަދާކނުކުރާ މީހުންނަށް އަމާޒްކޮށްގެން ހިންގާ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްގެން ނޫނީ އެމެރިކާފަދަ ޤައުމްތަކަށް ލިސްޓްގެ ކުރިއަކަށް ނޭރޭނެ އެވެ.

ގިނަ ސްކެންޑިނޭވިއަން ޤައުމްތަކުގައި ވަޒީފާ އަދާނުކުރާ މީހުންނަށްޓަކައި ވަރަށް ގިނަ ޚިދުމަތްތަކެއް ވެއެވެ. އެގޮތުން އިންޝުއަރެންސް އާއި ޗައިލްޑް ސަޕޯޓް އަކީވެސް ވަޒީފާ އަދާނުކުރާ މީހުންނަށް ލިބޭ ބައެއް ފައިދާތަކެވެ. މީގެ އިތުރުން މިފަދަ ޕްރޮގްރާމްތަކުގެ ދަށުން އެކިއެކި މީހުންނަށް ޚާއްސަ ޕެކޭޖްތަކެއް ވެސް ވަނީ ތަޢާރަފްކުރެވިފަ އެވެ.

ޕްރޮފެސަރ ހެލިވެލް އިތުރަށް ވިދާޅުވި ގޮތުގައި މި ޤައުމްތަކުގައި ބިދޭސީންނަށް އަދަބީ ހުނަރުތައް ދަސްކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ، މަސައްކަތުގެ ތަޖުރިބާ ބޭނުންވާ ޕްރޮގްރާމްތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެއެވެ. މިކަމުގެ މަޤްސަދަކީ ދުރު މުސްތަޤްބަލުގައި ވަޒީފާ އަދާނުކުރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ނައްތާލުމެވެ.

މީގެ އިތުރުން ސްކެންޑިނޭވިއާގެ ފިނި މޫސުމަކީ ވެސް މުޖުތަމަޢުތަކުގެ މެދުގައި އެއްބައިވަންތަކަމުގެ ރޫހު ދިރުވާ އާލާކުރުމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރާ ކަމެކެވެ.

އެގޮތުން ޕްރޮފެސަރ ހެލިވެލް ވިދާޅުވާ ގޮތުގައި އެފަދަ ދަތި މޫސުމުގައި ދިރިއުޅޭ މީހުން އެކަކު އެނެކަކަށް އެހީތެރިވުމުގެ ސަބަބުން މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުވެގެންދާ ކަމަށެވެ. އެހެންކަމުން އުތުރު ޔޫރޮޕްގެ ޤައުމްތަކުގެ ފިނި މޫސުމަކީ އިޖުތިމާޢީ އެއްބާރުލުން އިތުރުކޮށްދޭ ކަމެއްކަމަށް ލަފާކުރެވެއެވެ.